08 މެއި 2017 - 16:12

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން މިމަހު 10-11 އަށް ބާއްވާ މަހާސިންތާގެ އެކި އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.
މި މަހާސިންތާ އަކީ މުޖުތަމައުން ކޮރަޕްޝަން ނައްތާލުމަށް އެކި މުއައްސަސާތައް ގުޅިގެން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގައި، މުޖުތަމައުގައި މިހާރު ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާ ބެހޭ ގޮތުން ދިރާސާ ލިޔުމެއް، އެކި ޖަމިއްޔާތަކާއި މުއައްސަސާތަކުން ހުށައަޅައި، އެ ކަންކަން ނައްތާލުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެ އެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަރީފް އަދި ޕީއެސްއެމްގެ އެމްޑީ އިބްރާހީމް ހަލީލް ވެސް ބައިވެރިވި އެވެ.
"ނަޒާހަތްތެރި މުގުތަމައަކަށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނަމަ އަޅުގަނޑުމެންގެ މި ގައުމަކީ ނަޒާހަތްތެރި ގައުމަކަށް ވާނެ" މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުން އޭސީސީއާ އެކު ސޮއި ކުރީ ފެނަކަ އެވެ. އަދި މި މަހާސިންތާގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސޮއި ކުރީ ޕީއެސްއެމް އެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވާސިޓީގަ އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނުން ގައުމީ މަހާސިންތާއެއް ބޭއްވުމަކީ ނަޒާހަތްތެރި މުޖުތަމައެއް ބިނާ ކުރުމަށްޓަކާާ ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރު އަހްމަދު ޝަރީފް ވިދާޅުވި އެވެ.
މިމަހާސިންތާގައި ގައުމީ ޔުނިވާސިޓީ އާއި ސިވިލް ސާވިސް ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ފަދަ ތަންތަނުން ވަނީ ބައިވެރިވެފަ އެވެ.