ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލުމުން، މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އެކި ފަހަރު މަތިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އިއުލާންކޮށްފަ އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވެފައި ވަނިކޮށް ޖޫން 1 އަށް މުއްދަތު އިތުރުކުރީ އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިނުލާތީ ކަމަށް ޖޭއެސްސީން ބުންޏެވެ. މިއީ ފަހުގެ އިއުލާނުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

މުއްދަތު އިތުރު ކުރިޔަސް ކުރިން އެކަމަށް ކުރިމަތިލާފައި ތިބި މީހުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ މަތީ ކޯޓު ކަމަށްވާ ހައި ކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާވެވަޑައިގަތުމުންނެވެ. އެ ދެ މަގާމު ހުސްވެފައި އޮތުމުން އެ ކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ވެސް އޮތީ ނުފެށިފަ އެވެ.

ހައި ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ސެކިއުރިޓީ ވެސް ލިބިވަޑައިގަންނަވަ އެވެ.