އިރްފާންގެ "ހިންދީ މީޑިއަމް" ރިލީޒްކުރުން ފަސްކޮށްފި
އިރްފާންގެ "ހިންދީ މީޑިއަމް" ރިލީޒްކުރުން ފަސްކޮށްފި

އިރްފާން ޚާނާއި ޕާކިސްތާނުގެ ބަތަލާ ސަބާ ގަމަރްގެ "ހިންދީ މީޑިއަމް" ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ފިލްމު ރިލީޒްކުރުން 19 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

"ހިންދީ މީޑިއަމް"ގެ ޕްރޮޑިއުސަރުން ކަމަށްވާ ދިނޭޝް ވިޖަން އާއި ބޫޝަން ކުމާރު ގަބޫލުކުރާ ގޮތުގައި ފިލްމު ވަރަށް މޮޅެވެ. އެންމެ ފިލްމުގެ ވާހަކަ މީހުންނަށް އިވި އެކަށީގެންވާ ގޮތެއްގައި ފިލްމު އިޝްތިހާރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

މޭ 12 ވަނަ ދުވަހު ދެ ފިލްމެއް ރިލީޒްކުރަން މިހާރު ވެސް ޝެޑިއުލް ކޮށްފައިވެ އެވެ. އަޔުޝްމާން ކުރާނާ އާއި ޕަރިނީތީ ޗޯޕްރާގެ "މޭރީ ޕިޔާރީ ބިންދޫ" އާއި ރާމް ގޯޕާލް ވަރުމާގެ، އަމީތާބު ބައްޗަން އާއި ޔާމީ ގޯތަމް ލީޑް ރޯލު ކުޅެފައިވާ "ސަރްކާރް 3" އެވެ. އެހެންވެ "ހިންދީ މީޑިއަމް" ރިލީޒްކުރުން ހަފުތާއެއް ފަސްކުރަން ޕްރޮޑިއުސަރުން ނިންމީ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ބޮކްސް އޮފީހުގައި މި ފިލްމާ ވާދަކުރަން ޖެހޭނީ އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ހާފް ގާލްފްރެންޑް" އާ އެވެ.

ޕްރޮޑިއުސަރު ދިނޭޝް ބުނި ގޮތުގައި "ހިންދީ މީޑިއަމް" ބެލުމަށް ފަހު އެ ފިލްމު މިހާރަށް ވުރެ ބޮޑަށް ޕްރޮމޯޓް ކުރުމަށް އިތުރު ހަފުތާއެއްހާ ދުވަސް ދޭން ޖެހޭނެ ކަމަށް އޭނާއަށާއި އަނެއް ޕްރޮޑިއުސަރަށް ވިސްނުނީ އެވެ.

"ހިންދީ މީޑިއަމް"ގައި އިރްފާން އާއި ސަބާ ކުޅެނީ ރާޖް އާއި މީތާ ގެ ކެރެކްޓާ އެވެ. އެމީހުންގެ ދަރިފުޅަށް ދެވެން އޮތް އެންމެ ރަނގަޅު ތައުލީމެއް ދިނުން މުހިއްމުކަމަށް ރާޖް އާއި މީތާ ގަބޫލު ކުރެ އެވެ. އަދި ފިލްމު ބިނާކޮށްފައިވަނީ މިކަމަށްޓަކައި އެމީހުންކުރާ މަސައްކަތަށެވެ.