04 މެއި 2017 - 14:25

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޔާމީން ރަޝީދުގެ މައްސަލަ މިނިވަންކަމާ އެކު ބަލައި ދިނުމަށް އެދި ފުލުހުންނަށް ވަކިވަކިން ހުށަހެޅި ސިޓީތައް ވެސް ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޔާމީން 29، މަރާލި މައްސަލަ މިނިވަންކަމާ އެކު ބަލައިދޭން އެދި އެކި ފަރާތްތަކުން ފޮނުވި 800 ސިޓީއެއް ފުލުހުން އިއްޔެ ވަނީ ބަލައިނުގަނެ، އަނބުރާ ފޮނުވާލައިފަ އެވެ. އެ ސިޓީތައް ބަލައިނުގަތް ސަބަބުގެ ގޮތުގައި ޔާމީންގެ ބައްޕަ ހުސައިން ރަޝީދަށް އެންގީ ސިޓީތައް ހުށަހެޅީ ސިޓީގައި ސޮއިކޮށްފައިވާ މީހުން ކަމަށް ނުވާތީ އެވެ.
ފުލުހުންގެ އެ ނިންމުމާ ގުޅިގެން މިއަދު ބައެއް މީހުން ވަކިވަކިން އަމިއްލަ އަށް ހުށަހެޅި ސިޓީތައް ވެސް ފުލުހުން ބަލައިނުގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައިވެ އެވެ
ފުލުހުން އިއްޔެ ބުނެފައި ވަނީ ސިޓީތައް ބަލައިނުގަތީ އޮންނަ އުސޫލުގެ މަތިން ސިޓީ ހުށަހަޅާފައި ނުވާތީ އެކަންކަން އިސްލާހުކޮށްފައި ހުށަހެޅުމުން ބަލައިގަންނަނާނެ ކަމަށެވެ.
ސިޓީތަކުގައި އެދިފައި ވަނީ ޔާމީންގެ މަރުގެ މައްސަލަ އަވަހަށް އަދި މިނިވަންކަމާ އެކު ތަހުގީގުކޮށް ދިނުމަށާއި ތަހުގީގުގައި ބޭރުގެ ފަރާތްތައް ބައިވެރި ކުރުވުމަށެވެ. ފުލުހުން ބުނެފައިވާ ގޮތުން އެ ތަހުގީގުގައި ބޭރުގެ ފަރާތްތަކުގެ އެހީ އަންނަނީ ހޯދަމުންނެވެ.
ސ. ފޭދޫ އަށް އުފަން ޔާމީންގެ މަރުގެ ތުހުމަތުގައި މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަނުކުރި ނަމަވެސް ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.