04 މެއި 2017 - 15:08

ވޮޝިންޓަން (މެއި 4) - ޕެރިހުގެ ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިނުވުމަށް އެ ގައުމުގެ 11 ސްޓޭޓެއްގެ ގަވަރުނަރުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިހުން އެދިއްޖެ އެވެ.
ކެލިފޯނިއާ، ނިއު ޔޯކް، އޮރެގަން، ވޮޝިންޓަން، ޕެންސިލްވޭނިއާ، ކޮލަރާޑޯ، ވާޖީނިއާ، ކަނެކްޓިކަޓް، ހަވާއީ، ޑެލްވެއާ އަދި ރޯޑް އައިލެންޑުގެ ގަވަރުނަރުން ޓްރަމްޕަށް ފޮނުއްވި ސިޓީގައި ވަނީ ދުނިޔޭގެ މޫސުމަށް ބަދަލު އައުން ހުއްޓުވަން ގައުމީ ފެންވަރުގައި އެމެރިކާ އިން ލީޑާޝިޕް ނުދައްކައިފި ނަމަ ގެއްލިގެން ދަނީ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ވިހަ ގޭސްތައް ޖަައްވަށް ބޭރު ކުރާ މިންވަރު މަދުކުރުމަށް އެންމެންގެ އެއްބާރުލުން ނުލިބިއްޖެ ނަމަ ޓްރިލިއަން ޑޮލަރުގެ ގެއްލުން ގައުމުތަކަށް ލިބޭނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
"ޕެރިސް އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ފުރަތަމަ ފަހަރަށް ދަނީ މޫސުމަށް ބަދަލު އައުން ހުއްޓުވުމަށް ފިޔަވަޅު އަޅަމުން. އޭގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ވެސް ހިމެނޭ. އެ ދެ ގައުމުން ވެސް ވަނީ އަމިއްލަ އަށް އިސްނަގައިގެން، ވިހަ ގޭސްތައް މަދު ކުރުމަށް އެއްބަސްވެފައި،" ސިޓީގައި ބުނެފައިވެ އެވެ.
ޕެރިސް އެއްބަސްވުމަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއްބަސްވުމުގައި އެމެރިކާ އަށް ހަމަހަމަ ނޫން ކަމަށާއި އޭގެ ފައިދާ ދަނީ ޗައިނާ އާއި އިންޑިއާ އިން ނަގަމުން ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ އެ އެއްބަސްވުމުން އެމެރިކާ ވަކިވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޕެރިސް އެއްބަސްވުން ގާއިމްކޮށްފައި ވަނީ ޑިސެމްބަރު 12، 2015 ގަ އެވެ.