04 މެއި 2017 - 10:46

ރޯމް (މެއި 4) – މި ސީޒަނަށް ފަހު ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ކުޅުން ހުއްޓާލާނެ ކަމަށް އެ ކްލަބުގެ އާ ސްޕޯޓިން ޑިރެކްޓަރު މޮންޗީ އިއުލާންކޮށްފި އެވެ.
މީގެ 24 އަހަރު ކުރިން ރޯމާ އަށް ކުޅެން ފެށި ޓޮޓީ ވަނީ އެ ކްލަބަށް 783 މެޗުން 307 ގޯލް ޖަހައިދީފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޭނާ ރޯމާގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭނެ އެވެ.
"ހުއްޓާލުމަށް ފަހު ޓޮޓީ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރިއަށް ގެންދާނެ. އަހަރެން ބޭނުން އަހަންނާ އެކު އޭނާ މަސައްކަތްކުރަން. ސަބަބަކީ އޭނާ އަކީ ރޯމާ. އޭނާ އަށް ރޯމާ އަކީ ކޮބައިކަން އަހަންނަށް ކިޔައިދެވޭނެ،" ކުރިން ސެވިއްޔާގައި މަސައްކަތްކުރި މޮންޗީ ބުންޏެވެ.
އުމުރުން 40 އަހަރުގެ ޓޮޓީގެ ފަހު މެޗަށް ވާނީ އިޓާލިއަން ލީގުގައި މި މަހުގެ 24 ވަނަ ދުވަހު ޖެނޯއާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޯމާ ކުޅޭ މެޗެވެ.
އުމުރުން 12 އަހަރުގައި 1989 ވަނަ އަހަރު ރޯމާއާ ގުޅުނު ޓޮޓީ ސީނިއާ ޓީމަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައި 1993 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް އެކި ދުވަސްވަރު ބޮޑެތި އޮފާތަކެއް ލިބުނު ނަމަވެސް ރޯމާ ދޫކޮށްލަން އެއްބަހެއްނުވި އެވެ. ޓޮޓީ ވަނީ 2006 ވަނަ އަހަރު އިޓަލީއާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.