04 މެއި 2017 - 09:08

މޮނާކޯ (މެއި 4) – ގޮންޒާލޯ ހިގައިންގެ ދެ ލަނޑާ އެކު ފްރާންސުގެ މޮނާކޯ 2-0 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް އިޓަލީގެ ޔުވެންޓަސް ޖެހިލައިފި އެވެ.
މޮނާކޯގެ ސްޓޭޑިއަމުގައި ޔުވެންޓަސް މި ހޯދި މޮޅާ އެކު އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކުޅޭއިރު ޔުވެންޓަސް އަށް މިވަނީ ބޮޑު އެޑްވާންޓޭޖެއް ލިބިފަ އެވެ. ކިރިޔާ ވެސް ފުރުސަތެއް ހޯދަން ދެ ލަނޑުން ޔުވެންޓަސް ބަލިކުރަން މޮނާކޯ އަށް ޖެހޭއިރު 2013 ވަނަ އަހަރުގެ އޭޕްރިލްގެ ފަހުން ޔުވެންޓަސް އަމިއްލަ ދަނޑުގައި ދެ ލަނޑުގެ ތަފާތަކުން ބަލިވެފައެއް ނުވެ އެވެ.
މެޗުގެ ކުރީކޮޅު މޮނާކޯގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ރަނގަޅު ދެ ހަމަލާ ފޮނުވާލައިފަ އެވެ. އެކަމަކު 1998 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްބާޕޭ އުފަންވުމުގެ ކުރިން، ވޯލްޑް ކަޕެއްގައި ކުޅެފައިވާ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
ޔުވެންޓަސް އިން ލީޑު ނެގީ 29 ވަނަ މިނެޓުގަ އެވެ. ޑެނީ އަލްވެސް ފުންނާބުން ޖައްސާލި ބޯޅަ ހިގައިން ވަނީ ގޯލަށް ވައްދާލައިފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު މޮނާކޯގެ ރަޑަމެލް ފަލްކާއޯ ހަމަލައެއް ފޮނުވާލި އެވެ. އެކަމަކު އަލްވެސް ދިން ބޯޅައަކުން 59 ވަނަ މިނެޓުގައި ހިގައިން ވަނީ ދެ ވަނަ ގޯލް ޖަހައި ކޮންޓްރޯލް ނަގައިފަ އެވެ.
ރޭގެ މެޗަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން މޮނާކޯ އަށް އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. މޮނާކޯގެ ކޯޗު ލެއޮނާޑޯ ޖާޑިމް ބުނީ ޔުވެންޓަސްގެ މޮޅުގައި ބުފޮންގެ ދައުރު ބޮޑު ކަމަށެވެ.
"ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ. ކީލިއަން އެމްބާޕޭ އަށް ހުސް ޖާގައެއް ނުލިބުނު. އޭނާ އެބަޖެހޭ ދަސްކުރަން، ޖާގަ ނުލިބޭއިރު ޖާގަ ހޯދަން. ބުފޮން ވަރަށް މުހިއްމު ދެ ތިން ސޭވްކުރި. ޔުވެންޓަސްގެ މޮޅުގައި އޭނާގެ ދައުރު ބޮޑު،" ޖާޑިމް ބުންޏެވެ.
އޭނާ ބުނީ ފައިނަލަށް ދިއުމަށް ދެން އުނދަގޫވާނެ ކަމަށާއި އެކަމަކު ފުރުސަތު އަދިވެސް އޮތް ކަމަށް ގަބޫލުކޮށް އެކަމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ ބުނީ މޮނާކޯ ފަދަ ޓެކްނިކަލީ މޮޅު ޓީމެއް އަތުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެހެންވެ ޓީމަށް ޝުކުރު ހައްގު ކަމަށެވެ.