04 މެއި 2017 - 08:39

އޭއެފްސީ ކަޕްގައި ރޭ އިންޑިއާގެ ވަރުގަދަ ބެންގަލޫރުގެ މައްޗަށް ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ 2-0 އިން ކުރިހޯދައިފި އެވެ.
މި ނަތީޖާއާ އެކު މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕްގެ މޮޅުވުމުގެ ސިލްސިލާ އަށް ވަނީ ނިމުމެއް އައިސްފަ އެވެ. މި މެޗުގެ ކުރިން ކުޅުނު ތިން މެޗުން ވެސް ބެންގަލޫރު ވަނީ މޮޅުވެފަ އެވެ.
ބެންގަލޫރު މި ވަގުތު ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ބެންގަލޫރަށް ކުރިލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނައިގައި އޮތް މޯހަން ބަގާން އާއި ހަތަރު ވަނައިގައި އޮތް އަބަހާނީ އަށް ލިބިފައިވަނީ ހަތަރު މެޗުން ތިން ޕޮއިންޓެވެ.
ރާއްޖެ އަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދައިދިން ޑްރަގޯ މަމިޗްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަބަހާނީ ރޭގެ މެޗުން މޮޅުވީ 10 ކުޅުންތެރިންނާ އެކު ކުޅެގެންނެވެ. އެ ޓީމުގެ ނާސިރުއްދީން ޗައުދަރީ އަށް ވަނީ މެޗުގެ 80 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
އަބަހާނީން ލަނޑުތައް ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސާދު އުއްދީން އެވެ. އިތުރު ވަގުތުގައި އަަބަހާނީގެ ދެ ވަަނަ ލަނޑު ކާމިޔާބުކުރީ ރުބެލް މިޔާ އެވެ.
ބެންގަލޫރު ރޭގެ މެޗުން ބަލިވުމުން ދެ ވަނަ ބުރަށް ދިއުމަށް މާޒިޔާ އަށް ވަނީ އުއްމީދު އާވެފަ އެވެ. ދެ ވަނަ ބުރަށް ހޮވޭނީ ގްރޫޕުގެ އެއް ވަނަ ޓީމެވެ.
މާޒިޔާ ދެން ކުޅޭ މެޗުގައި މި މަހު 17 ވަނަ ދުވަހު މާލޭގައި ކުޅޭނީ އަބަހާނީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރަށުންބޭރުގައި ބެންގަލޫރާ ދެކޮޅަށް ނުކުންނާނީ މި މަހު 31 ގަ އެވެ.