ޔާމީން ރަޝީދުގެ ބައްޕައާ ފުލުހުން މުއާމަލާތުކުރި ގޮތް ކުށްވެރިކޮށްފި
ޔާމީން ރަޝީދުގެ ބައްޕައާ ފުލުހުން މުއާމަލާތުކުރި ގޮތް ކުށްވެރިކޮށްފި

ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގެއް ހިންގައިދޭން އެދި ހުށަހެޅި ސިޓީތައް ބަލައި ނުގަނެ، އޭނާގެ ބައްޕަ ހުސެއިން ރަޝީދާ ފުލުހުން މުއާމަލާތުކުރީ ހަރުކަށި އަދި އިހާނެތިކޮށް ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުން އެކަން ކުށްވެރިކޮށްފި އެވެ.

އެ ދެ ޖަމިއްޔާ ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޔާމީނަށް އިންސާފު ހޯދައިދޭން އެދި ހުށަހެޅި ސިޓީތައް ބަލައިނުގަތުމަކީ އޭނާ އަށް އިންސާފު ހޯދަން އާއިލާ އިން ކުރާ މަސައްކަތަށް ފުލުހުން އެއްބާރުލުން ނުދިނުން ކަމަށެވެ. އޭގެއިތުރުން އެ ސިޓީތައް ހުށަހެޅުމުގެ މަގްސަދަކީ ކޮބައިކަމާ މެދު ތަކުރާރުކޮށް ސުވާލު އުފައްދައި އެހާ ގިނަ ބަޔަކު އެ މައްސަލާގައި ކަންބޮޑުވެގެން އުޅެން ޖެހޭ ސަބަބެއް ސާފުނުވާ ކަމަށް ފުލުހުން ބުނެފައިވުމަކީ ކުށްވެރިކުރާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"ޔާމީންގެ އާއިލާއިން މިގޮތަށް އެތައް ސަތޭކަ ރައްޔިތުންގެ ސޮޔާ އެކު މި ސިޓީތައް ހުށަހެޅުމުގެ ބޭނުމަކީ ފުލުހުންގެ މުއައްސަސާއަށް އުނދަގޫކޮށް މަސައްކަތަށް ދަތިކުރުމެއް ނޫނެވެ. މިގޮތަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހުލާސާކޮށް ސިޓީތަކެއް ތައްޔާރުކުރުމުގެ އެންމެ މުހިއްމު ސަބަބަކީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ނުލިބި، މިއަދާ ހަމައަށް ވެސް އެކަންކަމަށް އިންސާފު ހޯދައި ދެވިފައި ނުވުމެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި އެ އާއިލާތަކަށް އަދިވެސް ވަނީ އިންސާފު ނުލިބި އެވެ. މި ހަގީގަތްތައް މިހެން ހުރުމާ އެކު ޔާމީންގެ މަރުގެ މައްސަލައަކީ ވެސް ދިގު ދެމިގެންދާ، ކޮޅެއްމެދެއް ނުފެންނަ މައްސަލައަކަށް ވާން އާއިލާ އިން ބޭނުން ނުވާ ކަމަށް އެ ދެ ޖަމިއްޔާ އިން ބުންޏެވެ.

"ޔާމީންގެ އާއިލާގެ ފަރާތުން ކުރާ މަސައްކަތަށް އެއްވެސް ވަރެއްގެ އިޖާބައެއް ނުދިނުމަކީ ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި، ރައްޔިތުންގެ ހައްގުގައި ކިހާވަރަކަށް މަސައްކަތްކުރާ މުއައްސަސާއެއްކަމާ މެދު ޝައްކު އުފެދިގެންދާނެ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އޭނާ އަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ބަލައިގަތުމަށް ޓްރާންސްޕޭރަންސީ އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް އިން ވަނީ ގޮވާލައިފަ އެވެ.

ޔާމީން، 29، މަރާލިކަމުގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި އިރު، ދެ ވަނަ މީހާ ހައްޔަރު ކުރީ އިއްޔެ އެވެ.

ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ތިރީބުރީގައި ސިޑި ކައިރީގަ އެވެ.