04 މެއި 2017 - 06:04

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް 2013 ގައި ރިލީޒްކުރި "ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ"ގެ ސެޓުގައި އެއް ދުވަހަކު އެ ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯނަށް ވަރަށް ގަދަޔަށް ރޮވުނު ވާހަކައެއް ފެންމަތިވެއްޖެ އެވެ.
ދީޕިކާ އަށް ރޮވުނީ އެންމެ ފަހު ވަގުތު ބައެއް ޑައިލޯގްތައް ބަދަލުކުރުމުން އެ ޑައިލޯގްތައް ހަނދާނުގައި ބަހައްޓަން އުނދަގޫ ވެގެންނެވެ.
މި ފިލްމުގެ ޑައިލޯގްތައް ލިޔެފައި ވަނީ ގަރީމާ ވަހާލް އާއި ސިދާރްތު ސިންގް އެވެ. މި ދެ ލިޔުންތެރިން ލިޔެފައިވާ ޑައިލޯގްތައް އަކްޝޭ ކުމާރާއި ރަންވީރު ސިންގް އަދި ސުޝާންތު ސިންގް ރާޖްޕޫތު ފަދަ ތަރިން އެއްވެސް އުނދަގުލެއް ނެތި ކިޔާފައިވެ އެވެ.
"އާއްމުކޮށް އެކްޓަރުންނަށް އަހަރެމެން ލިޔާ ޖުމްލަތައް ކިޔާލަން ވަރަށް ފަސޭހަ. އަހަރެމެން ޑައިލޯގްތައް ލިޔަނީ ވެސް އެމީހުންނަށް ފަސޭހަވާނެ ގޮތްގޮތަށް. އެހެންވެ ސްކްރިޕްޓް ނެރޭޓްކޮށްދޭއިރު ޑައިލޯގް ލިޔުންތެރިން ލައްވާ އެކަން ކުރުވަނީ،" ސިދާރްތު ސިންގް ދީފައިވާ އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ރާމް-ލީލާ"ގެ ސެޓުގައި އެ ދުވަހު ޑައިލޯގްތައް ހަނދާންކުރަން ދީޕިކާ އަށް މާ ބޮޑަށް އުނދަގޫވީ އެވެ. އެހެންވެ އޭނާއަށް އެއްވެސް ކަމެއް އެ ދުވަހު އޮމާންކޮށް ގެންދެވޭގޮތް ނުވެގެން މާ ބޮޑަށް ދެރަވީ އެވެ.
އެއީ ދީޕިކާ އެ ފިލްމުގެ ޝޫޓިންގައި ބައިވެރިވި ފުރަތަމަ ދުވަހެވެ. އެހެންވެ ޑައިލޯގްތަކަށް ބަދަލުތައް ގެނައުމުން ދީޕިކާއަށް އެ ހަނދާނުގައި ބަހައްޓަން އުނދަގޫވެގެން ރޮވުނީ އެވެ.
ސިންގް ބުނި ގޮތުގައި ފަހު ވަގުތު ޑައިލޯގް ބަދަލުކުރުމަކީ ބާންސާލީ އާއްމުކޮށް ކުރާ ކަމެކެވެ. އެއީ އެކްޓަރުން ލައްވާ އިތުރަށް ރަނގަޅަށް މަސައްކަތް ކުރުވަން ކުރާ ކަމެކެވެ.
"ޑައިލޯގްތައް ހަނދާނުގައި ބަހައްޓަން އާންމު ގޮތެއްގައި ދީޕިކާ ވަރަށް މޮޅުވާނެ. ނަމަވެސް އެ ދުވަހު ޑައިލޯގްގެ ޕެޓާން އަށް ގެނައި ބަދަލުތަކަކުން ހަނދާން ކުރަން އުނދަގޫވީ،" ސިންގް ބުންޏެވެ.
އޭނާ މިއަދުވެސް އެ ޑައިލޯގް ކިޔާ މަންޒަރު ހަނދާން އެބަހުއްޓެވެ. އެއީ ފުރަތަމަ ފަހަރަށް ރާމް އާއި ލީލާ ބައްދަލުވާ މަންޒަރެވެ. އެ މަންޒަރު ދީޕިކާ ކުޅެފައިވާލެއް ފުރިހަމަކަމަށް ވެސް ސިންގް ތައުރީފު ކުރި އެވެ.
މި ދެ ލިޔުންތެރިން މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެމީހުން އެންމެ ފަހުން ޑައިލޯގް ލިޔެދިން ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަންގެ "ރާބްތާ" ރިލީޒްވާނެ ދުވަހަކަށެވެ.