04 މެއި 2017 - 06:10

މައިކްރޮސޮފްޓާއި ޑުބާއީ ސަރުކާރު ގުޅިގެން "ޑުބާއީ" ކިޔާ ފޮންޓެއް ހަދައިފި އެވެ. މިދިޔަ އަންގާރަ ދުވަހު ލޯންޗުކުރި މި ފޮންޓް ޑުބާއީގެ ރަސްމީ ހުރިހާ އިދާރާތަކުން ބޭނުންކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ.
"ޑުބާއީ ފޮންޓް ލޯންޗް ކުރުމަކީ ޑިޖިޓަލް ދުނިޔޭގައި އެއްވަނަ ހޯދުމަށް ޑުބާއީން އެޅި މުހިންމު ފިޔަވަޅެއް،" ފޮންޓް ލޯންޗުކުރުމުގެ ހަފުލާގައި ޑުބާއީގެ އަމީރު އަދި އެގްޒަކަޓިވް ކައުންސިލް އޮފް ޑުބާއީގެ ޗެއާމަން ޝެއިހް ހަމްދާން ބިން މުހައްމަދު ބިން ރަޝީދު އަލް މަހްތޫމް ވިދާޅުވި އެވެ.
ސަރުކާރުގެ އިދާރާތަކުން މި ފޮންޓް ބޭނުން ކުރަން އެންގީ ފޮންޓްގެ ކާމިޔާބު ޔަގީން ކުރަންކަމަށް ސަރުކާރުގެ ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
މިހާރު މި ފޮންޓް 23 ބަހުން ބޭނުން ކުރެވޭނެ ކަމަށް މައިކްރޮސޮފްޓް އިން ބުންޏެވެ. މިއީ ސިޓީ އަކަށް ފޮންޓެއް ހާއްސަކުރި ފުރަތަމަ ފަހަރެވެ.