03 މެއި 2017 - 15:09

ޑާކާ (މެއި 3) - ދީނާ ދެކޮޅު ލިޔުންތައް ލިޔާ ކަމަށް ބުނެ ބަންގްލަދޭޝްގައި ބްލޮގަރުންތަކެއް މަރާލުމުގެ ތުހުމަތުގައި، އެ ގައުމުގައި މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެއްގެ އައިޓީގައި އިސްކޮށް މަސައްކަތް ކުރާ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ބަންގްލަދޭޝްގެ ކައުންޓާ-ޓެރަރިޒަމް ފުލުހުންގެ ވެރިޔާ މުނީރުލް އިސްލާމް ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ އަލްގައިދާ އަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަންސާރުﷲ ބަންގްލާ ޓީމުގެ އައިޓީގެ އިސް މީހެއް ކަމަށްވާ އަޝްފާއް ރަހުމާނެވެ. އޭނާ އަކީ ބަންގްލަދޭޝް ސަރުކާރު 2011 ވަނަ އަހަރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކޮށްފައިވާ ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ސައިދު މުހައްމަދު ޒިއާއުލް ހައްގާ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ޔުނިވާސިޓީގައި ކޮމްޕިއުޓާ ސައެންސް ކިޔަވަން އުޅުނު ދުވަސްވަރު ހަނގުރާމަވެރި ޖަމާއަތާ ގުޅުނު ރަހުމާން ވަނީ ބްލޮގަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް އެ މީހުންގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހޯދާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބަންގްލަދޭޝްގައި ފެބްރުއަަރީ 2015 ގެ ފަހުން ވަނީ ފަސް ބްލޮގަރުން މަރާލައިފަ އެވެ. މި އެންމެންގެ ވެސް މަރުގެ ފަހަތުގައި ވަނީ އަންސާރުﷲ ބަންގްލާ ޓީމު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.
ބަންގްލަދޭޝްގެ ކެފޭއަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސިފައިންގެ ކޮމާންޑޯ އިން ވަނީ ޓެރަރިސްޓުން ކަމަށް ޝައްކު ކުރެވޭ 60 މީހުން ހައްޔަރުކޮށްފަ އެވެ. ކެފޭ އަށް ދިން ހަމަލާގައި 22 މީހުން މަރުވި އެވެ.