މިހާރުގެ ރެސިޕީ: ގުލާބުޖާމުން
މިހާރުގެ ރެސިޕީ: ގުލާބުޖާމުން

1 މޭޒުމަތީސަމުސާ ސެމޮލީނާ (2 މޭޒުމަތީސަމުސާ ހޫނު ފެނަށް އަޅައިފައި 10 މިނެއްޓު ވަންދެން ބަހައްޓައިފައި)

1 މޭޒުމަތީސަމުސާ ގޮދަންފުށް

1 ޖޯޑު ހިކި ކިރު (ކޯސްޓު ނުވަތަ އޯލްޑަންބާގާ ކަހަލަ)

½ ސައިސަމުސާ ގިތެޔޮ

½ ޖޯޑު ދިޔާކިރު (ކޯސްޓު، ލެކްނޯ، އޯލްޑަންބާގާ ކަހަލަ)

½ ސައިސަމުސާ ބޭކިންޕައުޑަރ

2 ޖޯޑު ހަކުރު

2 ޖޯޑު ފެން

1 މޭޒުމަތީސަމުސާ ލުނބޯހުތް

3 ކާފޫރުތޮޅި

ތެޔޮ

ބޭކިންޕައުޑަރ ތެރެއަށް ގޮދަންފުށް އެޅުމަށް ފަހު ފުރާނައިލުން. ހިކި ކިރާއި ސެމޮލީނާ އަޅައިފައި އެއްކޮށްލައިފައި އޭގެ ތެރެއަށް ދިޔާ ކިރު އަޅައިގެން މޮޑުން. ކުޑަކޮށް މޮޑެލައިފައި ގިތެޔޮކޮޅު ލުން. މަދުމަދުން ދިޔާ ކިރު އަޅަމުން މޮޑުން. ރަނގަޅަށް މޮޑެވުމުން ފުށްގަނޑު އެއްޗަކަށް ލައިފައި، މަތި ބަންދުކޮށްފައި 20 މިނެއްޓު ވަންދެން ބެހެއްޓުން. އަލުން އަނެއްކާ ވެސް މޮޑުން. މާ ބޮޑަށް ހިކިއްޔާ ކުޑަކުޑަ ދިޔާ ކިރުފޮދެއް އަޅައިލުން. ބޭނުންވާ ސައިޒަކަށް ގުޅަހެދުން. ގުޅަވަށާއިރު، ފުށްގުޅަ އަތުގެ މެދަށް ލުމަށް ފަހު ބާރަށް ފިއްތައިލައިފައި ވައްކުރަން ފެށުން. ވަށްވަމުންދާ ވަރަކަށް، އަތަށް ލައިފައިވާ ބާރު މަޑުމަޑުން ދޫކުރުން. ރަނގަޅަށް ފުށް މޮޑެވިފައި ހުރިއްޔާ، މި ގޮތަށް ހެދުމުން ވަރަށް ރީތިކޮށް ފުށްގުޅަ ވަށްވާނެ.

ފެނުގެ ތެރެއަށް ހަކުރު އަޅައިފައި، (އެއްކުރަމުން) ހަކުރު ވިރެންދެން ކެއްކުން. ހަކުރުކޮޅު ވިރުމުން ލުނބޯހުތް އެޅުން. މި ފަނިގަނޑު ކެކެންވާ ވަރަށް ކެކުނީމައި، ފަނިގަނޑު ތެރެއަށް ދޭފަތް ލައިފައި ނަގައިފައި ދޭފަތުގައި އިނގިލި ޖައްސައިލައިފައި އިނގިލި ދުރުކޮށްލުމުން އެއް ފަށަށް ވާދެމެން ވާނެ. އެ ވަރަށް ކެކުނީމައި، އުނދުނުގެ ގިނި ވީހާ ވެސް ދަށްކޮށްފައި، ކާފޫރުތޮޅީގެ އޮއްކޮޅު އަޅައިލުން. އަދި އުނދުން ނިއްވައިނުލައި، ތެލީގެ މަތި ނުޖަހައި ބެހެއްޓުން. މަތި ޖަހައިފި ނަމަ ފަނިގަނޑު މާ ބޮޑަށް ކެކިގެން ބަންޑުން ވެދާނެ.

ގުލާބުޖާމުން ތެއްލޭ ވަރުގެ، އާ ތެޔޮގަނޑެއް އުދުމަށް ފަހު، ކުޑަކޮށް ތެޔޮގަނޑު ހޫނުވާން ފެށުމުން، އުނދުނުގެ ގިނި ދަށްކޮށްފައި ގުލާބުޖާމުންކޮޅު އަޅައިލުން. ތެޔޮގަނޑުގެ ހޫނުމިން ހުންނަންވާނީ، ގުލާބުޖާމުން އޭގެ ތެރެއަށް ލުމުން، އަޑިއަށް ގޮސްފައި، ދިހަ ވަރަކަށް ސިކުންތު ވަންދެން އަޑީގައި އޮވެފައި މައްޗަށް އަރާ ވަރަށް. ހިމަ ދޭފަތެއް ތެޔޮގަނޑުގެ ތެރެއަށް ލައިފައި، މަޑުމަޑުން ތެޔޮގަނޑު އެނބުރުން. މި ގޮތަށް އަނބުރާއިރު ގުލާބުޖާމުންގައި ޖެހުނަދީގެން ނުވާނެ. ޖެހިއްޖެ ނަމަ ގުލާބުޖާމުން ފަޅައިގެން ހިނގައިދާނެ. މި ގޮތަށް ތެޔޮގަނޑު އެނބުރީމައި ގުލާބުޖާމުންއަށް އަރާ މުށިކުލަ ހުރިހާ ދިމާއަކަށް އެއްވަރަށް ހުންނާނެ. މަޑު މުށިކުލަ އެރީމައި ނަގައިފައި ޓިޝޫއެއްގައި ބެހެއްޓުން. އެއް މިނެއްޓު ވުމުން، މަޑު ގިނީގައި ކެކިކެކި ހުރި ފަނިގަނޑުގެ ތެރެއަށް ގުލާބުޖާމުންކޮޅު އަޅައިލައިފައި، ފަނިގަނޑު އުދައިފައި ހުރި އުނދުން ނިއްވައި ނުލައި ދެ މިނެއްޓު ވަންދެން ބެހެއްޓުން. އެ އަށް ފަހު އުނދުން ނިއްވައިލައިފައި، (ގުލާބުޖާމުންކޮޅު ނުނަގައި) ފަނިގަނޑު ހިހޫވަންދެން ބެހެއްޓުން.

ގިނައިރު ފަނިގަނޑުގައި ހުރި ވަރަކަށް ގުލާބުޖާމުން މީރުވާނެ. ބޭނުން ނަމަ (ހިހޫ ވީމައި) ފަނިގަނޑާ އެކުގައި އައިސްއަލަމާރީގައި ވެސް ބެހެއްޓިދާނެ. ދިޔާ ކިރު އަދި ހިކި ކިރު އަޅާއިރު ބޭނުންކުރާނީ ފުލްކްރީމް.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.