ޕީޕީއެމްގެ ކެންޑިޑޭޓް ޣާނިމް ބަންދުކުރަން އެދުނު މައްސަލަ ޕީޖީން އަނބުރާ ގެންގޮސްފި
ޕީޕީއެމްގެ ކެންޑިޑޭޓް ޣާނިމް ބަންދުކުރަން އެދުނު މައްސަލަ ޕީޖީން އަނބުރާ ގެންގޮސްފި

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ޣާނިމް އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތު ކުރި މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން، އަލުން ބަންދު ކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އަނބުރާ ގެންގޮސްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ޕީޖީން އަނބުރާ ގެންދިޔައީ ޣާނިމް ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ފުލުހުން އެންގުމާ ގުޅިގެން ކަމަށެވެ.

ޣާނިމްގެ މައްޗަށް ތުހުމަތު ކުރީ މިދިޔަ މާޗް މަހު ކާނިވާ ސަރަހައްދުގައި ގްރޫޕަކުން މީހަކާ މެދު މާރާމާރީ ހިންގިއިރު އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ޓިކެޓްގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރާ ޣާނިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފް ކުރި އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައި ކޯޓުގައި ބާއްވަން އޮތީ ތާވަލްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން އަނބުރާ ނެގީ ކޯޓުގައި ތާވަލް ކުރި މައްސަލަ ފަށަން ކައިރިވެފައިވަނިކޮށެވެ.

ޣާނިމްގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި އިތުރު ބަޔަކު ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން އެ މައްސަލަތައް ވެސް ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ސިފައިންގެ މީހަކަށް ހަމަލާދިން ކަމަށް ބުނެ ޣާނިމްގެ މައްޗަށް ދައުލަތުން ކުރިން ވެސް ދައުވާކުރި އެވެ. އެކަމަކު އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ.