03 މެއި 2017 - 13:53

ވޮޝިންޓަން (މެއި 3) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިއަކަށް ޖާސޫސް ކުރުމަށް އެފްބީއައި އިން ގެނައި ތަރުޖަމާނަކު އެންމެ ފަހުން އޮޅުވާލައިގެން ސީރިއާ އަށް ގޮސް އޭނާއާ ކައިވެނިކޮށްފި އެވެ.

ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ޑެނިއެލާ ގްރީން ޖޫން 2014 ގައި، ސީރިއާ އަށް ދިޔައީ ޖަރުމަނުގައި ތިބި އޭނާގެ މައިންބަފައިންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށް އެފްބީއައިގެ އޮފީހުގެ ބައެއް މީހުން ގާތު ބުނެފަ އެވެ. އޭގެ ބަދަލުގައި އޭނާ ފުރަތަމަ ދަތުރުކުރީ ތުރުކީ އަށެވެ. އެއަށް ފަހު ބޯޑަރު ހުރަސްކޮށް ސީރިއާ އަށް އެތެރެވެ އޭނާ ޖާސޫސްކުރި އައިއެސްގެ ޖަރުމަން ހަނގުރާމަވެރިޔާ ޑެނިސް ކަސްޕާޓްއާ ވަނީ ކައިވެނިކޮށްފައި ކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން 2015 ވަނަ އަހަރު ކުރީކޮޅު ވަނީ ކަސްޕާޓް އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިފަ އެވެ. ކުރީގެ ލަވަކިޔުންތެރިއެއް ކަމަށްވާ ކަސްޕާޓް ނުވަތަ އަބޫ ތަލްހާ އަލް-އަލްމާނީ ވަނީ އައިއެސްގެ މީހުން މަރާ ބައެއް ވީޑިއޯތަކުން ވެސް ފެނިފަ އެވެ. ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ކަސްޕާޓް އާއި ގްރީން ވަނީ ސްކައިޕް މެދުވެރިކޮށް ޕްރައިވެޓްކޮށް ވާހަކަ ދައްކައިފަ އެވެ.
އެމެރިކާ ސިފައިންގެ މީހަކާ ކައިވެނިކޮށްފައިވާ ޗެކޮސްލޮވޭކިއާ އަށް އުފަން ގްރީން އެފްބީއައިގައި މަސައްކަތް ކުރަން ފެށީ 2011 ވަނަ އަހަރު އެވެ. އަދި ޖޫން 2014 ގައި، އޭނާ ގެއްލުމާ ހަމައަށް މަސައްކަތްކޮށްފައި ވަނީ ރަނގަޅަށެވެ.
ސީރިއާ އަށް ދިއުމަށް ފަހު ގްރީން ވަނީ ޖޫން 27، 2014 ގައި ކަސްޕާޓްއާ ކައިވެނިކޮށްފަ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވަ ގްރީން، 38، ވަނީ ސީރިއާ އިން ދެވޭތޯ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އައިއެސްގެ އަތްދަށުން އޭނާ ސަލާމަތްވި ގޮތެއް ލިޔުންތަކުން އެނގޭކަށް ނެތެވެ. އޭނާ ސީރިއާ އަށް ދިޔަތާ ދެ މަސް ވެސް ނުވަނީސް، އޮގަސްޓް މަހު ވަނީ އެނބުރި އެމެރިކާ އަށް ގޮހެވެ. އަދި ޕްރޮސެކިއުޓަރުންނަށް ވަނީ އެއްބާރުލުން ދީފަ އެވެ. އޭގެ ފަހުން ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާ އަށް ވަނީ ދެ އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ. ހުކުމް ތަންފީޒުކޮށް ނިންމާ މިދިޔަ އަހަރު ވަނީ އޭނާ މިނިވަންވެފަ އެވެ.