"މާޒިޔާ ވަރުގަދަ، 100 ޕަސެންޓް ދޭން ޖެހޭ"
"މާޒިޔާ ވަރުގަދަ، 100 ޕަސެންޓް ދޭން ޖެހޭ"

އޭއެފްސީ ކަޕުގައި މިއަދު ހަވީރު ވާދަކުރަން ޖެހޭ މާޒިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް 100 ޕަސެންޓް ދޭން ޖެހޭނެ ކަމަށް އިންޑިއާގެ މޯހަން ބަގާންގެ މިޑްފީލްޑަރު ރޭނިއޭ ފެނާންޑޭޒް ބުނެފި އެވެ.

ފަހު ވަގުތު އައި ލީގު ގެއްލުމުގެ މާޔޫސްކަން ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު ސަންކަރްލާލް ޗަކްރަބަތީ ވަނީ ބުނެފަ އެވެ. އެކަމަކު ރޭނިއާ ބުނީ މި ވަގުތު މާޒީއާ މެދު ވިސްނަން ބޭނުންނުވާ ކަމަށެވެ.

މާޒިޔާއާ މެދު އަހަރެމެންގެ ނެތް އެއްވެސް އެއްޗެއް. އަހަރެމެންގެ ފުރިހަމަ ފޯކަސް މިއޮތީ އޭއެފްސީ ކަޕް މެޗަށް،" ރޭނިއޭ ބުންޏެވެ. "މާޒިޔާ އަކީ ވަރުގަދަ ޓީމެއް. އަހަރެމެން ޖެހޭ 100 ޕަސެންޓް ޕާފޯމަންސެއް ދައްކަން."

އޭއެފްސީ ކަޕްގެ މި ޒޯނުގެ ގްރޫޕްތަކުން ދެ ވަނަ ބުރަށް ދެވެނީ އެއް ޓީމަކަށެވެ. ގްރޫޕް އީގެ އެއް ވަނައިގައި މި ވަގުތު ބެންގަލޫރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބަގާނަށް ލިބިފައިވަނީ ތިން މެޗުން ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.