ބިލަބޮންގް ދަރިވަރުން ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ހޯދައިފި
ބިލަބޮންގް ދަރިވަރުން ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ހޯދައިފި

ބައިނަލްއަގުވާމީ ތިން މުބާރާތެއްގައި ވާދަކޮށް ބިލަބޮންގް ސްކޫލުގެ ދަރިވަރުންތަކެއް ކާމިޔާބީތަކެއް ހޯދައިފި އެވެ.

ބިލަބޮންގް ދަރިވަރުން ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ހޯދައިފި
ބިލަބޮންގް ދަރިވަރުން ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ހޯދައިފި

އެ ސްކޫލުގެ ފަސް ދަރިވަރަކު ވަނީ މާޗް މަހު ސިންގަޕޫރުގައި އޮތް "ފަސްޓް ލެގޯ ލީގް ރޮބޮޓިކް ކޮމްޕެޓިޝަން" ގައި ބައިވެރިވެފަ އެވެ. މި މުބާރާތުން އެ ސްކޫލް ވަނީ ގްރޭޝަސް ޕްރޮފެޝަނިޒަމް އެވޯޑު ހޯދައިފަ އެވެ. މި މުބާރާތުގައި ސިންގަޕޫރުގެ ގިނަ ސްކޫލުތަކަކާއި އޭޝިއާގެ އެކި ސްކޫލުތަކުން ވެސް ބައިވެރިވި އެވެ. ބިލަބޮންގް ފިޔަވައި ރާއްޖޭގެ އެހެން ސްކޫލެއް ބައިވެރިއެއް ނުވެ އެވެ.

މީގެ އިތުރުން އެސްކޫލްގެ ދަރިވަރުން ވަނީ އަބޫ ދާބީގައި އޮތް "ހިސްޓްރީ ބީ އެންޑް ބައުލް" މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. މި މުބާރާތުގެ ޖޫނިއާ ބަޔާއި ސީނިއާ ބައިގައި ބިލަބޮން ސްކޫލުގެ ޖުމްލަ 11 ދަރިވަރުން ވާދަ ކުރި އެވެ.

އެ ސްކޫލުގެ ޖޫނިއާ ޓީމް ވަނީ އަންނަ ޖުލައި މަހު ސިންގަޕޫރުގައި އޮންނަ "ހިސްޓްރީ ބައުލް" މުބާރާތުގެ ދެ ވަނަ ބުރަށް ވެސް ހޮވިފަ އެވެ. އަދި ދެ ވަނަ ބުރުން ހޮވިއްޖެ ނަމަ ދެން އެ ޓީމު ވާދަ ކުރާނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ފައިނަލް ބުރުގަ އެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގައި ވަނީ "ސްކޯލާސް ކަޕް" އަށް ކޮލިފައިވުމުގެ ބުރެއް ގިޔާސުއްދީން ސްކޫލުގައި ބާއްވައިފަ އެވެ. މި ބުރުގައި ބިލަބޮން ސްކޫލުގެ 30 ދަރިވަރަކު ބައިވެރިވެ 172 މެޑަލް އާއި 5 ޓްރޮފީއާ އެކު މިހާރު ވަނީ އެ ހުރިހާ ދަރިވަރުން ގްލޯބަލް ރައުންޑަށް ހޮވިފަ އެވެ. މި މުބާރާތުގައި ބިލަބޮން ސްކޫލުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ބައިވެރިިވި އެވެެ.

އަދި މި މުބާރާތަކީ ދަރިވަރުން ވަރަށް ގަޔާވި، އަދި އެކި ވަނަތައް ހޯދި ހަރަކާތެއް ކަމަށް އެ ސްކޫލުން ބުންޏެވެ. އެ ގޮތުން ސީނިއާ ބައިން "ބެސްޓް އޯލް ރައުންޑް"ގެ އެއް ވަނަ އާއި ދެ ވަނަ އަދި ޖޫނިއާ ބައިން "ބެސްޓް އޯލް ރައުންޑް"ގެ ތިން ވަނަ ވަނީ ލިބިފަ އެވެ. އަދި ވަކިވަކި ކުދިންނަށް ވެސް ތަފާތު ވަނަތައް ލިބުނު ކަމަށް އެ ސްކޫލުން ބުންޏެވެ.

މިކަން ފާހަގަ ކުރުމަށް މިއަދު ބިލަބޮންގް ސްކޫލުގައި ބޭއްވި ޖަލްސާގައި ވަނީ މުބާރާތްތަކުގައި ވާދަ ކުރި ދަރިވަރުންނަށާއި ޓީޗަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އަދި ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލް ވަނީ ދަރިވަރުންގެ ހިތްވަރަށް ތައުރީފު ކޮށްފަ އެވެ.

އެސްކޫލުން މައުލޫމާތު ދިން ގޮތުގައި މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.