03 މެއި 2017 - 13:51

ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ހޯދަން ޖުމްހޫރީ ޕާޓީން މަސައްކަތް ކުރޭތޯ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާ މިއަދު ފުލުހުން ސުވާލުކޮށްފި އެވެ.

ފުލުހުންގެ އިދާރާގައި ދޮޅު ގަޑިއިރު ހޭދަކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފުލުހުން އޭނާއާ ސުވާލުކުރީ ޖުމްހޫރީ ޕާޓީ އަށް 42 މެމްބަރުން ހަމަކުރަން އެއްވެސް މަސައްކަތެއް ކުރޭތޯ ކަމަށެވެ. އެކަމަކު ޖުމްހޫރީ ޕާޓީން އެފަދަ އެއްވެސް މަސައްކަތެއް ކުރާ ކަން އެނގިވަޑައިގެންފައި ނުވާނެ ކަން ފުލުހުންނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އޭނާއާ މެދު އެއްވެސް ތުހުމަތެއް ފުލުހުން ނުކުރާ ކަމަށެވެ. އަދި އެފަދަ ތުހުމަތެއް ކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް، ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި ދުވަހަކު ވެސް ބައިވެރިވި މީހެއް ނޫން. އެކަހަލަ ތުހުމަތަކާ ގުޅޭ ގޮތުން ސުވާލެއް ނުކުރޭ،" ފައިސަލް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގާސިމް، ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އެކި އެހީތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރި ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭގެ އިތުރުން މަޖިލިހުގެ ތެރޭގައި ހިންގަމުން އަންނަ ބައެއް ކަންކަމާ ގުޅޭ ގޮތުން ވެސް ސުވާލުކުރި ކަމަށް ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ވާ ނަމަ، އާންމު މެމްބަރުންނާއި މަޖިލިސް މެމްބަރުން އިތުރު ކުރުމަށް ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"މަޖިލިހުގައި ވަކި ނުފޫޒެއް އޮވޭތޯ، ވަކި މީހަކު ވަކި ގޮތަކަށް އަންގާތޯ ސުވާލު ކުރި. ރައްޔިތުންގެ ހައްގުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރައްވަނީ،" ފައިސަލްގެ ބައެއް ސަޕޯޓަރުންނާ އެކު، އެމްއެމްއޭ ކައިރީގައި، ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން އަބަދުވެސް ކަންކަން ނިންމަނީ ރައްޔިތުންގެ ހައްގުގައި މަޝްވަރާކޮށްގެންނެވެ. އަދި ވަކި މީހެއްގެ ނުފޫޒު ޕާޓީގެ ތެރޭގައި ނެތްކަން ދިވެހި ގައުމަށް ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި ބައެއް މެމްބަރުން ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާއިރު، އެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ނުކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.
މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. އޭނާ ހައްޔަރުކޮށްފައި ހުރީ ދޫނިދޫ ޖަލުގަ އެވެ.