ރޮނާލްޑޯއާ ދިމާކޮށްލީމަ، އޭނާ ޖަޒުބާތުގައި ޖެހުނީ: ކޯޗު
ރޮނާލްޑޯއާ ދިމާކޮށްލީމަ، އޭނާ ޖަޒުބާތުގައި ޖެހުނީ: ކޯޗު

ޕެރިސް، ފްރާންސް (ޖޫން 18) - އައިސްލެންޑަށް ފާޑުކިޔައިގެން ހޫނުފެނުގައި ހުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދިފާއުގައި އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންތޯސް ނުކުމެއްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ޔޫރަޕުގެ އާދައިގެ ގައުމެއް ކަމަށްވާ އައިސްލެންޑާ 1-1 އިން އެއްވަރުވުމުން ރޮނާލްޑޯ ވަނީ އައިސްލެންޑުން ކުޅުނީ ޑިފެންސިވްކޮށް ކަމަށް ބުނެ އެ ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއާ އެކު ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން ރޮނާލްޑޯ އަށް ވަނީ އަމާޒުވެފަ އެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ރޮނާލްޑޯ ވެ ހުރެ، އައިސްލެންޑް ފަދަ ކުޑަކުޑަ ގައުމެއްގެ ކުޅުންތެރިންނަށް އޭނާ އިހުތިރާމް ކުޑަކުރި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ދެ ވަނަ މެޗުގައި މިރޭ އޮސްޓްރިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސަންތޯސް ބުނީ މެޗުގެ ކުރިންނާއި މެޗުގެ ތެރޭގައި އައިސްލެންޑުގެ ކޯޗާއި ކުޅުންތެރިންނާއި ސަޕޯޓަރުން ތިބީ ރޮނާލްޑޯއާ ޖައްސާލާފައި ކަމަށާއި އެހެންވެ ރޮނާލްޑޯ ވެސް ޖަޒުބާތުގައި ޖެހުނީ ކަމަށެވެ.

"ބައެއް މީހުން ފެއާޕްލޭގެ ވާހަކަ ދެެއްކީމާ އަހަރެން ގާތަށް އަންނަނީ ހިނި،" ސަންތޯސް ބުންޏެވެ.

ސަންތޯސް ބުނީ ރޮނާލްޑޯ އާއި ޕެޕޭ އަކީ މޮޅު ދެ އެކްޓަރުން ކަމަށް މެޗުގެ ކުރިން އައިސްލެންޑުގެ ކޯޗު ބުނި ކަމަށާއި އަދި މުޅި މެޗުގައި ވެސް އެ ޓީމުގެ ސަޕޯޓަރުން ދިޔައީ ރޮނާލްޑޯ އާއި ޕެޕޭ އަށް ފުރައްސާރަކޮށް ހަޅޭއްލަވަމުން ކަމަށެވެ.

"މިހެން ކަންތައްކޮށްފައި، ދެން މެޗަށް ފަހު އައިސްލެންޑުން ކޮން ކަމަކާ ހިތްހަމަނުޖެހިގެން މި އުޅެނީ؟ އަހަރެމެން އެންމެންގެ ވެސް އިހުސާސްތަކެއް ހުރޭ. އެހެންވެ ބައެއް ފަހަރު އަހަރެމެންނާ ޖައްސާލީމާ، އެއަށް ރައްދު ދެވޭނީ ޖަޒުބާތީކޮށް،" ސަންތޯސް ބުންޏެވެ.

މިރޭގެ މެޗުގައި ލަނޑު ޖަހައިފި ނަމަ ރޮނާލްޑޯ ވެގެންދާނީ ހަތަރު ޔޫރޯއެއްގައި ލަނޑު ޖަހާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ސަންތޯސް ބުނީ ކުޅުންތެރިން ތިބީ އިތުބާރާ އެކު ކަމަށެވެ.

"އެންމެ މެޗެއްގެ ނަތީޖާއަކުން އަހަރެމެންގެ އިތުބާރަށް ބަދަލެއް ނާންނާނެ. އަހަރެމެންގެ ރޫހު ވަރަށް ރަނގަޅު. ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮވެދާނެ އެކަމަކު އަހަރެމެން ކުޅޭ ގޮތަށް ބަދަލެއް ނާންނާނެ،" އޭނާ ބުންޏެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ފުރަތަމަ މެޗުން އޮސްޓްރިއާގެ މައްޗަށް 2-0 އިން ކުރި ހޯދި ހަންގޭރީ އެވެ. ޕޯޗުގަލާއި އައިސްލެންޑަށް އެއް ޕޮއިންޓް ލިބިފައިވާއިރު އޮސްޓްރިއާ އޮތީ ހުސް އަތާ އެވެ.

މިރޭ ހަންގޭރީ އާއި އައިސްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. ޕޯޗުގަލާއި އޮސްޓްރިއާގެ މެޗު ފަށާނީ 00:00 ގަ އެވެ.