ޕީޕީއެމްގެ ކެންޑިޑޭޓް ޣާނިމް ބަންދުކުރަން ޕީޖީން ހައި ކޯޓުގައި އެދިއްޖެ
ޕީޕީއެމްގެ ކެންޑިޑޭޓް ޣާނިމް ބަންދުކުރަން ޕީޖީން ހައި ކޯޓުގައި އެދިއްޖެ

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި މައްޗަންގޯޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ ޣާނިމް އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ އަލުން ބަންދު ކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޣާނިމްގެ މައްޗަށް ތުހުމަތު ކުރެވުނީ މިދިޔަ މާޗް މަހު ކާނިވާ ސަރަހައްދުގައި ގްރޫޕަކުން މީހަކާ މެދު މާރާމާރީ ހިންގިއިރު އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. އެ މައްސަލާގައި އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައި ކޯޓުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ޣާނިމްގެ އިތުރުން އެ މައްސަލާގައި ހައްޔަރުކުރި އިތުރު ބަޔަކު ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލަން އަމުރު ކުރުމުން އެ މައްސަލަތައް ވެސް ވަނީ އިސްތިއުނާފްކޮށްފަ އެވެ.

މީގެކުރިން ސިފައިންގެ މީހަކަށް ހަމަލާދިން ކަމަށް ބުނެ ޣާނިމްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ.