18 ޖޫން 2016 - 15:34

ލަންޑަން (ޖޫން 18) - އިނގިރޭސި ޕާލަމެންޓުގެ ލޭބާ ޕާޓީގެ މެންބަރު ޖޯ ކޮކްސް ގަޔަށް ބަޑިޖަހާ އަދި ވަޅިން ހަމަލާ ދީ މަރާލުމުގެ ކުށުގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ވެސްޓް ޔޯކްޝަޔާ ފުލުހުން ބުނީ އުމުރުން 41 އަހަރުގެ މެންބަރުގެ މަރާ ގުޅިގެން ދައުވާ ކުރަނީ 52 އަހަރުގެ ތޯމަސް މައިރުގެ މައްޗަށް ކަމަށެވެ. ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓަށް މައިރު ހާޒިރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަރަށް ގިނަ ދައުވާތައް އުފުލަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މީހެއްގެ ޖިސްމަށް އަނިޔާ ދިނުމާއި ގޮވާތަކެއްޗާއި ހަތިޔާރު ގެންގުޅުމުގެ ކުށް ހިމެނެ އެވެ.
ދެ ކުދިންގެ މަންމަ ކޮކްސް އަށް ދިން ހަމަލާ ހުއްޓުވުމަށް މަސައްކަތް ކުރި 77 އަހަރުގެ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވީ ޕާލަމެންޓް މެންބަރަކު މަރާލުމަކީ ގައުމަށް ލިބިގެން ދިޔަ ބޮޑު ޝޮކެއް ކަމަށެވެ. ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވިދާޅުވީ މަރާލާފައި އެ ވަނީ ވަރަށް ކުޅަދާނަ އަދި ހިތްވަރުގަދަ މެންބަރެއް ކަމަށެވެ.
އަނެއްކޮޅުން، ޕާލެމެންޓުގެ މެންބަރުންނާއި ޚުދު އޭނާގެ އަމިއްލަ ނަފްސަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ކޮންޒަވެޓިވް ޕާޓީގެ އަންހެން މެންބަރަކު މިދިޔަ އަހަރު ބޮޑު ވަޒީރު ކެމަރަން އަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ޑެއިލީ ޓެލެގްރާފުގައި ލިޔެފައިވާ ރިޕޯޓަށް ޑޯނިން ސްޓްރީޓުން ވަނީ ރައްދު ދީފަ އެވެ. ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އަންހެން މެންބަރުގެ ސިޓީ އަށް ކެމަރަން ޖަވާދު ދެއްވާފައި ކަމަށާއި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. މި ގޮތުން މެންބަރުންނާ ހޯމް ސެކްރެޓަރީ ބައްދަލު ކުރައްވާ އަދި މެންބަރުންގެ ސަލާމަތަށް ޖެނުއަރީ މަހުން ފެށިގެން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މެންބަރު ކޮކްސް އަކީ 1990 ވަނަ އަހަރުގެ ފަހުން މަރާލި ފުރަތަމަ މެންބަރެވެ. ޕާލަމެންޓަށް ކޮކްސް ހޮވިވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އާއްމު އިންތިޚާބުގަ އެވެ.