އާ އުސޫލާ އެކު ހައްޖު ކޯޕަރޭޝަންގެ ބޭނުން ނެތެނީ!
އާ އުސޫލާ އެކު ހައްޖު ކޯޕަރޭޝަންގެ ބޭނުން ނެތެނީ!

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ޚާއްސަ ގަރާރަކުން 2013 ގައި ކުންފުންޏެއް އުފެއްދެވީ ހައްޖަށް މީހުން ގެންދިއުމުގައި ކުރިމަތިވަމުން ދިޔަ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަށްޓަކަ އެވެ. އެއީ، ހައްޖަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމުން ވެސް ހައްޖު ގްރޫޕްތަކުގެ އިހުމާލުން އެތައް ބަޔަކަށް ހައްޖަށް ނުދެވުމުގެ މައްސަލަ ކުރިމަތިވާން ފެށުމުންނެވެ.

އާ އުސޫލާ އެކު ހައްޖު ކޯޕަރޭޝަންގެ ބޭނުން ނެތެނީ!
އާ އުސޫލާ އެކު ހައްޖު ކޯޕަރޭޝަންގެ ބޭނުން ނެތެނީ!

އެ ކޯޕަރޭޝަން އުފެދިގެން މިއަދާ ހަމައަށް އައި އިރު ވެސް އެންމެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އަދި ލުއި އިންތިޒާމްތަކެއްގެ ދަށުން ހައްޖާއި އުމުރާ އަށް މީހުންނަށް ދެވެނީ ހައްޖު ކޯޕަރޭޝަނުންނެވެ. އާންމުން ވެސް އެ ޚިދުމަތަށް ކުރާ އުންމީދާއި އިތުބާރު މިހާރު ބޮޑެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދި އިރު އޭގެ އަނެއްކޮޅު ވެސް އޮތެވެ. އެއީ ހައްޖަށް މީހުން ގެންދާ އަމިއްލަ ގްރޫޕްތަކުގެ ވިޔަފާރި އެވެ. އެކަމަށް ހުރަސް ނޭޅުމުގެ ގޮތުން ސަރުކާރުން ހަމަޖެއްސީ ހައްޖު ކޯޓާގެ ބޮޑު ޕަސެންޓެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ ކޯޓާތައް ޝަރުތު ހަމަވާ ހައްޖު ގްރޫޕްތަކަށް ހަމަހަމަ އަށް ބެހުމަށެވެ. އެކަން ކުރަމުން ދިޔައީ އެކަމަށް އުސޫލުތަކެއް ހަދައި، އާންމުކޮށްގެންނެވެ.

އެކަމަކު ހައްޖަށް ގެންދިއުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ހަދައި، މިދިޔަ މަހު އަމަލުކުރަން ފެށި އާ އުސޫލު އޮތްގޮތުން ހައްޖު ކޯޕަރޭޝަނަށް ފުރުސަތުތައް ހަނިވެ، އެ ކޯޕަރޭޝަންގެ މަގްސަދުތައް ހާސިލު ނުވެދާނެ ކަމުގެ ބިރުވެރި މިވަނީ އުފެދިފަ އެވެ.

މީގެ ކުރިން ހެދި އުސޫލު އޮތް ގޮތުން ހައްޖަށް ގެންދިއުމަށް އާންމު ގްރޫޕްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ޖެހުނަސް، ޕްރޮޕޯޒަލް ހުށަހެޅުމެއް ނެތި، ހައްޖު ކޯޕަރޭޝަނަށް އޮންނަނީ ހައްޖު ކޯޓާގެ ވަކި ޕަސެންޓެއް އަބަދުވެސް ކަށަވަރުވެފަ އެވެ. އެއީ އެ ކުންފުންޏަކީ ފަސޭހަ އިން ހައްޖަށް ދެވޭނެ މަގު ތަނަވަސް ކޮށްދޭން ސަރުކާރުން އުފައްދާފައިވާ ސަރުކާރު ސައްތަ އިން ސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާތީ އެވެ.

އެކަމަކު މި ފަހަރުގެ އުސޫލުުގައި އެކަން އޮތީ އޭގެ އިދިކޮޅަށެވެ. އަމިއްލަ ހައްޖު ގްރޫޕްތަކެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނުން ވެސް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ އެވެ. އަދި އަމިއްލަ ގްރޫޕްތަކެކޭ އެއްގޮތަށް، އެ ކޯޕަރޭޝަނަށް ވެސް ހައްޖަށް މީހުން ގެންދަން ހުއްދަ ލިބޭނީ އެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު މިނިސްޓްރީން ހުއްދަ ދީފި ނަމަ ކަމަށް އެ އުސޫލުގައިވެ އެވެ.

އުސޫލުގައި މި ގޮތަށް ކަނޑައަޅާފައި އޮތުމުން ދެ ކަމެއް މެދުވެރިވެ އެވެ. ފުރަތަމަ ކަމަކީ ހައްޖު ކޯޕަރޭޝަން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގެ ބާރު، މިނިސްޓްރީއެއްގެ އުސޫލެއްގެ ސަބަބުން ނެތިގެން ދިއުމެވެ. ދެ ވަނަ ކަމަކީ، ހައްޖަށް މީހުން ގެންދިއުމުގެ މަގްސަދުގައި، ހަމައެކަނި އެ ބޭނުމަށްޓަކައި އުފެއްދި ކުންފުނީގެ ބޭނުން ވެސް ނެތިގެން ދިއުމެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ވިޔަފާރި ފުޅާވެ، އެތައް ގްރޫޕްތަކެއް އެކަމުގައި މިހާރު ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. މިިއަހަރު ވެސް އެ ފުރުސަތު ހުޅުވާލުމުން 16 ކުންފުންޏަކުން އެކަމަށް ކުރިމަތިލި އެވެ. އެހެންވެ ގްރޫޕްތަކުގެ ވާދަވެރިކަމުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނަށް ވުރެ ރަނގަޅު ޕްރޮޕޯޒަލްތަކެއް ހުށަހަޅައިފި ނަމަ ހައްޖު ކޯޕަރޭޝަނަށް ހުއްދަ ނުލިބި ދިއުމުގެ ފުރުސަތު އެބައޮތެވެ.

އަދި އެ ކޯޕަރޭޝަނަށް ހުއްދަ ލިބިފައި ވަނިކޮށް، ހައްޖަށް މީހުން ގެންދިއުމުގައި އަމަލުކުރާ އުސޫލުގެ ބޭރުން ހައްޖު ކޯޕަރޭޝަނަށް އެއްވެސް ކަމެއް ފަހިކޮށްދީފައިވާ ކަން އެނގިގެން، އެއްވެސް ފަރާތަކުން ޝަރީއަތަށް މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ ނިމޭ ގޮތަކުން ވެސް އެ ކޯޕަރޭޝަނަށް ފުރުސަތު ގެއްލުމުގެ ބިރު އެބައޮތެވެ. ސަބަބަކީ ޕްރޮޕޯޒަލްތައް ހުށަހެޅުމާއި އިވެލުއޭޓް ކުރުމުގައި އަދި ހުއްދަ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމިއްލަ ހައްޖު ކުންފުނިތަކާއި ސަރުކާރުގެ ކުންފުންޏާ ދެމެދު އެއްވެސް ތަފާތު ކުރުމެއް އެ އުސޫލުގައި ދީފައި ނެތުމުންނެވެ.

ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން ހައްޖަށް ގެންދިއުމާ ބެހޭ ގޮތުން މީގެ ކުރިން ހެދި ދެ އުސޫލުގައި ވެސް ކަނޑައަޅާފައިވަނީ ހައްޖު ކޯޓާގެ ތެރެއިން މަދުވެގެން 50 ޕަސެންޓު ހައްޖު ކޯޕަރޭޝަނަށް ދޭ ގޮތަށެވެ. ޕްރޮޕޯޒަލަކާ ނުލައި، އެ ޖާގަ އަބަދުވެސް އޮތީ ހައްޖު ކޯޕަރޭޝަނަށް ކަށަވަރުވެފަ އެވެ.

މި ފަހަރުގެ އުސޫލު އޮތް ގޮތުން ހައްޖު ކޯޕަރޭޝަނުން ޕްރޮޕޯޒަލް ހުށަހަޅައި، އެ ކޯޕަރޭޝަނަށް ހުއްދަ ލިބުނަސް އެ ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރެވެ. އަދި މިނިސްޓަރު އެގޮތަށް ކަނޑައަޅާއިރު ވެސް ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނަވެގެން ވެސް ދެވޭނީ 50 އިންސައްތަ ކޯޓާ ކަމަށް އެ އުސޫލުގައިވެ އެވެ.

މިހެން އޮތުމުން މިނިސްޓަރަށް ފެނިވަޑައިގެންފި ނަމަ، މިއަހަރު ކޯޕަރޭޝަނަށް ދޭނީ ކޯޓާގެ އެންމެ 20 ޕަސެންޓް ކަމަށް ވެސް ކަނޑެއެޅުއްވިދާނެ އެވެ. އެހެނީ އުސޫލު އޮތް ގޮތުން އެއީ މިނިސްޓަރުގެ އަތްމަތީގައި އޮތް ކަމަކަށްވާތީ އެވެ.

ހައްޖު ކޯޕަރޭޝަން އުފެދުނު ފަހުން އެ ކޯޕަރޭޝަނުން އަންނަނީ ހައްޖަށް މީހުން ގެންދިއުމަށް ދުރާލައި ދެތިން އަހަރު ކުރިއަށް ވެސް ފައިސާ ނަގަމުންނެވެ. ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ދުރާލައި ރައްޔިތުންނަށް ހޯދައި ދިނުމަށާއި ފަސޭހަ އިން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށެވެ. އަދި އެގޮތަށް ދުރާލައި ފައިސާ ދައްކާ މީހުންނަށް ހައްޖަށް ދެވޭނީ ކޮން އަހަރު ކަން ހައްޖު ކޯޕަރޭޝަނުން އޮންނަނީ އަހަރެއް ނުވަތަ ދެ އަހަރު ކުރިން ކަނޑައަޅައި އިއުލާންކޮށްފަ އެވެ.

އެގޮތަށް އެ ކޯޕަރޭޝަނުން ހަމަޖައްސާފައި އޮންނަނީ، ކުރިން ވެސް ފާހަގަކުރި ފަދައިިން އެ ކޯޕަރޭޝަނަކީ ސަރުކާރުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ ހައްޖު ކޯޓާގެ ބޮޑު ޕަސެންޓެއް އަބަދުވެސް އެ ކޯޕަރޭޝަނަށް ލިބޭނެ ކަމަށް ބަލައިގެންނެވެ. އެކަމަކު އަލަށް ހެދި އުސޫލާ އެކު އެ ފުރުސަތު އެ ކޯޕަރޭޝަނަށް ގެއްލޭނެ އެވެ. އޭގެ މައިގަނޑު ތިން ސަބަބެއް އެބަ އޮތެވެ.

ފުރަތަމަ ސަބަބަކީ އެ އުސޫލުގައި، ހައްޖު ކޯޕަރޭޝަނަށް ވެސް ހުއްދަ ލިބެނީ އަމިއްލަ ގްރޫޕްތަކެކޭ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުން މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށް ބުނެފައި އޮތުމުންނެވެ. އެހެންވުމުން މިވެނި އަހަރަކު ހައްޖަށް ގެންދަން ހައްޖު ކޯޕަރޭޝަނަށް ހުއްދަ ލިބޭނެ ކަމުގެ ޔަގީން ކަން ދުރާލައި އެ ކޯޕަރޭޝަނަކަށް ނޯންނާނެ އެވެ.

ދެ ވަނަ ސަބަބަކީ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު ހައްޖު ކޯޕަރޭޝަނަށް ހުއްދަ ދިނަސް ހައްޖު ކޯޓާގެ ތެރެއިން އެ ކޯޕަރޭޝަނަށް އެ އަހަރަކު ދޭނެ މިންވަރު ކަނޑައެޅުން އިސްލާމިކް މިނިސްޓަރުގެ އިޚްތިޔާރުގައި އޮތުމުންނެވެ. މިހެން އޮތުމުން އެ އަހަރަކު ހައްޖު ކޯޕަރޭޝަނަށް ލިބޭނީ ކިހާ އަދަދެއްގެ ކޯޓާއެއް ކަމަށް އެ ކޯޕަރޭޝަނަށް ދުރާލާ ނޭނގޭނެ އެވެ. ނަތީޖާއަކަށް ވާނީ، ކުރިން ފައިސާ ދައްކާފައިވާ މީހުންނަށް ވެސް، އެމީހުންނަށް ހައްޖަށް ދެވޭނެ އަހަރެއް ދުރާލައި ނޭނގުމެވެ.

ތިން ވަނަ ސަބަބަކީ އުސޫލު އޮތް ގޮތުން އަމިއްލަ ގްރޫޕްތަކެކޭ ވެސް އެއްގޮތަށް، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބުމުގެ ކުރިން ހައްޖަށް ގެންދަން މީހުން އަތުން ފައިސާ ނެގުން ހައްޖު ކޯޕަރޭޝަނަށް ވެސް މަނާވުމެވެ. އެހެންވެ، ދުރާލާ ފައިސާ ދެއްކުމުގެ ފުރުސަތު ނޯންނާނެ އެވެ. އުސޫލު ބުނާ ގޮތުން އެއީ ކުށެކެވެ. އެކަމަކު މިއީ ސަރުކާރުގެ ކުންފުންޏަކަށް ބަލާއިރު މިނިސްޓްރީން ކުރިމަތިކުރުވި ވަރަށް ބޮޑު ހުރަހެކެވެ.

މި އުސޫލުގައި ހައްޖު ކޯޕަރޭޝަނަށް ފުރުސަތު ހަނިވެފައި އޮތްއިރު މި އުސޫލުގައި ގާނޫނީ ގޮތުން ހަމަނުޖެހޭ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ.

އެ އުސޫލުގެ 5 ވަނަ މާއްދާގެ ހ. ގައި ވަނީ ހުއްދަ އަށް އެދި ހުށަހަޅާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ތެރޭގައި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ޖިނާއީ ހުކުމެއް އައިސްފައިވާ ނުވަތަ ހައްޖާއި އުމުރާ އަށް މީހުން ގެންދިއުމާ ގުޅޭ އެއްވެސް މައްސަލައެއްގައި ކުށެއް ސާބިތުވެފައިވާ ނުވަތަ ތުހުމަތުކުރެވޭ މީހަކު ހިމެނޭ ކުންފުނިތަކަށް ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯޒަލް ހުށަނޭޅޭނެ ކަމަށެވެ. އަދި އެފަދަ ޕްރޮޕޯޒަލް ހުށަހެޅިޔަސް ބާތިލް ކުރެވޭނެ އެވެ.

ތެދެކެވެ. ޖިނާއީ ކުށްތައް ސާބިތުވެފައި ތިބޭ ބަޔަކު ހިންގާ އަމިއްލަ ކުންފުންޏަކަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ. އަމިއްލަ ކުންފުނިތަކުގެ މައްޗަށް މި މާއްދާގައި ބުނާ އުސޫލު ހިންގުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ހައިރާންވަނީ މި އުސޫލު ހައްޖު ކޯޕަރޭޝަންގެ މައްޗަށް ވެސް ހިނގާނެ ކަމަށް އުސޫލުގައި ބުނެފައި އޮތުމުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ އަމިއްލަ ގްރޫޕްތަކާ ޚިލާފަށް ހައްޖު ކޯޕަރޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަންގެ ބޯޑުގައި ކޮންމެ ކުށެއް ސާބިތުވެފައި ނުވަތަ ކޮންމެ ތުހުމަތެއް ކުރެވިފައިވާ މީހަކު ހުއްޓަސް އެ މީހުންނަކީ އެ މީހުންގެ އަމިއްލަ ހައިސިއްޔަތުން އެ ބޯޑުގައި ތިބޭ ބައެއް ނޫނެވެ. އެއީ ސަރުކާރުން ކަނޑައަޅައި، އައްޔަން ކޮށްފައިވާ ބައެކެވެ.

އަމިއްލަ ކުންފުނިތަކުގެ ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ހިއްސާދާރުން ކަމުގައި ވިޔަސް، ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންނަކީ އެ ކުންފުނިތަކުގެ ހިއްސާދާރުންނެއް ނޫނެވެ. އެހެންކަމުން އަމިއްލަ ކުންފުންޏެއް ބަނގުރޫޓުވާ ހާލުގައި ޑިރެކްޓަރުން އެކަމުގެ ޒިންމާ ނަގަން ޖެހުނު ކަމުގައި ވިޔަސް، ސަރުކާރު ކުންފުންޏެއްގެ ޑިރެކްޓަރުން އެ ޒިންމާ ނަގާކަށް ނުޖެހެ އެވެ.

މި ހަމައިން ނަޒަރު ހިންގާއިރު، އަމިއްލަ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނުވަތަ ޝަރުއީ ހުކުމެއް އޮވެއްޖެ ނަމަ، އެ ކުންފުންޏަކަށް ހުއްދަ ނުދިން ކަމުގައި ވިޔަސް، ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރެއްގެ ކިބައިގައި އެފަދަ ސިފައެއް ހުރި ކަމުގައި ވިޔަސް އެ ހުއްދަ ދޭން ޖެހޭނެ އެވެ. ސަބަބަކީ އެ ޑިރެކްޓަރުންނަކީ ސަރުކާރު ކުންފުނިތަކުގެ އެއްވެސް ޒިންމާއަކާ ޒާތީ ގޮތުން ހަވާލުވާން ޖެހޭ ބަޔަކަށް ނުވާތީ އެވެ. އެހެންވީއިރު، ސަރުކާރުން އެ ކޯޕަރޭޝަނަށް އައްޔަން ކޮށްފައިވާ މެމްބަރެއް ނުވަތަ މެމްބަރުންތަކެއްގެ ފަރުދީ ޒިންމާއެއްގެ ސަބަބުން އެ ކޯޕަރޭޝަނަށް ސަރުކާރުން ހުއްދަ ނުދެވޭ ގޮތަށް އުސޫލުގައި އޮތުމަކީ ޖޯކެކެވެ.

މީގެ އެންމެ އަޖާއިބު ކުރަނިވި ކަމަކީ، ރައީސްގެ ގަރާރަކުން ވަކި މަގްސަދެއްގައި އުފެއްދި ކުންފުންޏެއްގެ ބާރާއި މަގްސަދު، މިނިސްޓްރީން އެކުލަވައިލި އުސޫލެއްގެ ސަބަބުން ނެތިގެން ދާއިރު، ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ކަމެވެ.

ހައްޖު ކޯޕަރޭޝަނަކީ ދަތިތަކެއް ނެތި ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އެކަމަކު މިފަހަރު ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު މިއޮތީ އެ ކޯޕަރޭޝަނަށް އެއްވެސް ގޮތަކުން ފަހިވާ ގޮތަކަށް ނޫނެވެ. މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީޚުގައި ވެސް އެ ކުންފުންޏަށް އޮތް ޚާއްސަ އިނާޔަތްތައް ގެއްލިގެން ދިޔަ ފުރަތަމަ ފަހަރެވެ. އަމިއްލަ ހައްޖު ގްރޫޕްތަކާއި ހައްޖު ކޯޕަރޭޝަން އެއް މިންގަނޑަކުން ކިރައިގެން ނުވާނެ އެވެ. އެހެން ނޫން ނަމަ ހައްޖަށް މީހުން ގެންދިއުމުގައި ކުރިން ވެސް ދިމާވި ފަދަ މައްސަލަތައް އަނެއްކާވެސް ތަކުރާރުވުމުގެ ފުރުސަތު ހުޅުވިގެން ހިނގައިދާނެ އެވެ. އަދި މި އޮތީ ސަރުކާރުން ސަރުކާރުގެ ކުންފުންޏެއްގެ ބާރު ކަނޑުވާލައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ވެސް ބޮލާލައި ޖަހާފަ އެވެ.