ކްއީން ވިކްޓޯރިއާގެ ރޯލަށް އަނެއްކާ ވެސް ޖޫޑީ ޑެންޗް
ކްއީން ވިކްޓޯރިއާގެ ރޯލަށް އަނެއްކާ ވެސް ޖޫޑީ ޑެންޗް

މިއީ ރާނީ ވިކްޓޯރިއާގެ ރޯލް ބަތަލާ ޖޫޑީ ޑެންޗް ކުޅޭ ފުރަތަމަ ފަހަރެެއް ނޫނެވެ. އޭނާ ވަނީ 1997 ވަނަ އަހަރު ރިލީޒް ކުރި "މިސިޒް ބްރައުން" ގައި ވެސް ކްއީން ވިކްޓޯރިއާގެ ރޯލް ކުޅެގެން އޮސްކާ އަށް ވެސް ނޮމިނޭޓްވެފަ އެވެ.

މި ފަހަރު މިއޮތީ އަނެއްކާ ވެސް ކްއީން ވިކްޓޯރިއާގެ ރޯލް ޖޫޑީ، 81، ކުޅެން ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމުގެ ނަމަކީ "ވިކްޓޯރިއާ އެންޑް އަބްދުލް" އެވެ.

ބީބީސީ ފިލްމްސް އިން ފަންޑްކޮށް ވޯކިން ޓައިޓްލް ފިލްމްސް އިން ހަދާ މި ފިލްމު ބިނާކުރަނީ ޝްރަބާނީ ބާސޫ ލިޔެފައިވާ ވާހަކަ "ވިކްޓޯރިއާ އެންޑް އަބްދުލް: ދަ ޓްރޫ ސްޓޯރީ އޮފް ދަ ކްއީންސް ކްލޮޒެސްޓް ކޮންފިޑަންޓް" އަށެވެ.

އެ ވާހަކަ ބިނާކޮށްފައި ވަނީ ކްއީން ވިކްޓޯރިއާގެ ގޯލްޑެން ޖުބިލީ ފާހަގަ ކުރަން އިންޑިއާ އިން ލަންޑަނަށް 1897 ގައި ދާ ކްލާކެއް ކަމަށްވާ އަބްދުލް ކަރީމަށް ކްއީން ވިކްޓޯރިއާގެ ރަނިކަމުގައި އޮތް ނުފޫޒްގެ މައްޗަށެވެ.

ފިލްމްގެ ސްކްރީންޕްލޭ "ބިލީ އެލިއަޓް" ގެ ސްކްރީން ރައިޓަރު ލީ ހޯލް އާ ހަވާލުކޮށްފައިވާ އިރު، މި ފިލްމް ޑައިރެކްޓް ކުރާނީ ސްޓެފެން ފްރެއާސް އެވެ. އޭނާއަކީ 2006 ވަނަ އަހަރު ހެލެން މިރެން ލީޑް ރޯލް ކުޅުނު "ދަ ކްއީން" ގެ ޑައިރެކްޓަރެވެ.

"ވިކްޓޯރިއާ އެންޑް އަބްދުލް" އަކީ ސްޓެފެން އާ އެކު ޖޫޑީ މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.

އެ ދެ މީހުން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ 2013 ގައި ރިލީޒް ކުރި "ފިލަމޭނާ" ގަ އެވެ.

"ވިކްޓޯރިއާ އެންޑް އަބްދުލް" ގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށާނެ އެވެ. އަދި ފިލްމް އަންނަ އަހަރު ރިލީޒް ކުރާނެ އެވެ.