02 މެއި 2017 - 15:46

އޮސްލޯ (މެއި 2) - ނޯވޭގެ ބިލިއަނަރެއްގެ މުއްސަނދިކަމުގެ ބޮޑު ބައި ހިލޭ ސާބަހަށް ޚަރަދު ކުރަން ނިންމައިފި އެވެ.
ކުރީގެ މަސްވެރިއެއް ކަމަށްވާ ޖެލް އިންޖް ރޮއެކެ ބިލިއަނަރަކަށްވީ ތެލުގެ ވިޔަފާރިންނެވެ. އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައި ހޭދަކުރަން ނިންމާފައި ވަނީ ކަނޑުން ޕްލާސްޓިކް ނެގުމުގެ މަސައްކަތަށެވެ. މި ޕްރޮގްރާމް އޭނާ ހިންގަނީ ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ޑަބްލިއުޑަބްލިއުއެފްއާ ގުޅިގެންނެވެ.
ރޮއެކެގެ މުއްސަނދިކަން ދެ ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ ވަނީ ގިލް ގޭޓްސް، ވަރެން ބުފޭ އަދި މާކް ޒުކަބާގު ފަދަ ބިލިއަނަރުންނާ އެކު ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.
"އަޅުގަނޑުގެ މިލްކިއްޔާތުގެ ބޮޑު ބައި ވަނީ މުޖްތަމަ އަށް ހޭދަކުރަން ނިންމާފައި،" ރޮއެކެ ވިދާޅުވި އެވެ.
ކަނޑުތަކުން ޕްލާސްޓިކް ނެގުމަށް ރޮއެކެ ހޭދަކޮށްގެން ބަންނަ ބޯޓުގައި 30 ފަޅުވެރިންނާއި 60 އަށް ވުރެ ގިނަ ސައެންޓިފިކް ސްޓާފުން ތިބޭނެ އެވެ. އަދި ބައެއް ލެބޯޓްރީތައް ވެސް އެ ބޯޓުގައި ގާއިމްކޮށްފައި ހުންނާނެ އެވެ. އެ ބޯޓުން ދުވާލަކު ފަސް ޓަނުގެ ޕްލާސްޓިކް ކަނޑުތަކުން ނެގޭނެ އެވެ.
"ދުނިޔޭގެ 70 ޕަސެންޓަކީ ކަނޑު. ބޮޑު ބައި އަދި އޮތީ ރިސާޗް ނުކުރެވި،" ރޮއެކެ ވިދާޅުވި އެވެ.
ބޯޓަށް ޚަރަދު ވާނީ ކިހާވަރެއްކަން އޭނާ ވިދާޅެއް ނުވެ އެވެ. އަދި އެހެން ކަންކަމަށް ހޭދަކުރާނެ މިންވަރެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ. ރޮއެކެ އާއި އޭނާގެ އަންހެނުން މިހާރު ވެސް ވަނީ މަތީ ތައުލީމަށް ހޭދަކުރުމަށް ފައުންޑޭޝަނެއް އުފައްދައިފަ އެވެ.
މައިކްރޯސޮފްޓުގެ ފައުންޑާ ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން މެލިންޑާ ވަނީ އެ މީހުންގެ މުއްސަނދިކަމުގެ 95 ޕަސެންޓް ސިއްހީ ކަންކަމަށް ހޭދަކުރަން ނިންމައިފަ އެވެ. އިންވެސްޓާ ވޮރެން ބުފޭ ވަނީ އެ މީހުންގެ މިލްކިއްޔާތުގެ 99 ޕަސެންޓް ހޭދަކުރަން ނިންމައިފަ އެވެ. ފޭސްބުކުގެ ފައުންޑާ މާކް ޒުކަބާގު ވެސް ވަނީ އޭނާގެ ހިއްސާގެ 99 ޕަސެންޓް މުޖްތަމައުގެ ފައިދާ އަށް ހޭދަކުރަން ނިންމައިފަ އެވެ.