19 ޖޫން 2016 - 07:52

(ޖޫން 15 ވަނަ ދުވަހުގެ ނޫހާ ގުޅޭ)
"ހަފީ!" އިނާޔާ ފޯނުން ގުޅައިފައި ބުންޏެވެ. "ކޮބާ؟ އަހަރުމެން މިހާރު ކެފޭއަށް މިއޮއް ވަންނަނީ."
"މިދަނީމިދަނީ!" އަހަރެން އަވަސްއަވަހަށް ބުނީމެވެ.
އެ އިން ހިސާބަކު ވެސް މީހަކު ފެންނާކަށް ނެތެވެ. މާ ނަގައިފައި ދަބަހަށް ލީމެވެ. ހިތަށްއެރިއެވެ. ކޮންމެވެސް ރައްޓެއްސަކަށް ދޭނީއެވެ. ފޯނު ރަނގަބީލުވިއެވެ.
ފިނިފެންމަލުގެ ހަނދާން އަހަރެންގެ ހިތުން ފުހެވުނެވެ. ސައިބޯން ތިބެގެން ދެކެވުނީ ސިހުރުގެ ވާހަކައެވެ. ރާއްޖޭގައި މިހާރު އެ ކަން އާންމުވަމުން އަންނަވަރާއި، ކަމުގެ ބިރުވެރިކަމުގެ ވާހަކައެވެ. އިނާޔާ އުޅެނީ ވައަތު ލޯ ތޮޅޭތީއެވެ. އެކަކު ބުނި ގޮތުގައި އެއީ އެއްވެސް ކަމެއް ނޫނެވެ. އަނެކަކު ބުނި ގޮތުގައި ކޮންމެވެސް ނުބައި ޚަބަރެއް ލިބޭނެއެވެ. އޭނައަށް ކުރެވުނު ތަޖުރިބާ ވެސް ކިޔައިދިނެވެ. އަދި އެ ފަދަ ކިތަންމެ ކަމެއް ހިއްސާކުރިއެވެ.
"މިސާލަކަށް، ބޮނޑެއް ކައިގެން ނަންނުގަތި ކޮޅަށްޖެހިފަ ހުންނަ ތަނުގަ އޮންނާނެ ޚަޒާނާއެއް،" އޭނަ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ބޯގަންވިލާ ބިންމަތީގަ އިންދާފަ ހުރެއްޖެއްޔާ އެ ތަނެއް އާލާއެއް ނުވާނެ. މީހަކު އެއްޗެއް ބުނާ ވަގުތު ހޯނު ޗަސްކަނޑައިފިއްޔާ އެ މީހާ އެ ބުނީ ތެދެއް. ގޭގަ ހުންނަ އެއްޗެއްސަށް މީދާ ގެންލުންދެންޏާ އޭގެ މާނައަކީ ދެމަފިރިން ކުރެ ކޮންމެވެސް އެކަކު ބިޓެއް ގެންގުޅެނީއޭ. މީހެއްގެ އިނގިލީގަ މީދާ ދަތްއަޅައިފިއްޔާ އޭގެ މާނައަކީ އެ މީހަކަށް ސިހުރެއް ހަދަނީއޭ. ކުރިމަތިން ކަޅު ބުޅަލެއް ހުރަސްކޮށްފިއްޔާ މަގުގެ ކުރިއަށް އޮތް ތަން ނާމާންވީ. ދެން ޖެހޭނީ އައި ކޮޅަށް ދާން. މީ މާޒީގަ ދިވެހިންގެ ތަޖުރިބާއިން ސާބިތުވެފަ ހުރި ކަންކަން."
އެ ހުރިހާ ވާހަކައެއް ވެސް އަހަންނަށް އިވުނީ އަލަށެވެ. ވީމާ، އަޑުއަހަން އިނީއެވެ. ގެއަށް އައިއިރު އަހަރެންގެ ހިތް އޮތީ ޝައްކުބަލިން ފޯވެފައެވެ. އަހަރެން ދުއްވަނީ ކުޑަ ސުކޫޓަރެކެވެ. އޭގެ ކުރިމަތިން ބުޅަލެއް ހުރަސްކުރިއެވެ. ކަޅު ބުޅަލެއް ނޫނެވެ. އެކަމަކު ވެސް ކުރިއަށް ދާކަށް ނުކެރުނެވެ. އެއްކޮޅަށް ދުއްވާ މަގެކެވެ. އަހަރެން އައި ކޮޅަށް ނުކުތީ ސައިކަލު އަތުން ހިފައިގެންނެވެ.
ގެއަށް އައިސް ހެދުން ބަދަލުކޮށްފައި، ކާން ނުކުންނަމުން ފޯނު ނެގިތަނާ ފިނިފެންމާ ފެނުނެވެ. އެއީ ކާކަށް ދޭން ކާކު ގެންގުޅުނު މަލެއްބާއެވެ؟ އެ މާ އެއްލައިލަންވީބާއެވެ؟ މަލަށް ސިހުރު ހަދައިފައި ހުރެދާނެބާއެވެ؟ ކުނިވަށިގަނޑަށް މާ ވައްޓައިލަން ފަރިވެލައިފައި ވެސް ހިތަށްއެރިއެވެ. ކުށެއް ނެތް މަލެކެވެ. އަހަރެންގެ ޝައްކުބަލި އެހާ ބޮޑުވީ ކޮންއިރަކު ހެއްޔެވެ؟ ފާރާއި ލޯގަނޑު ދޭތެރެއަށް މާ ޖަހައިލުމަށް ފަހު ދަރިފުޅަށް ގޮވައިލީމެވެ. އޭނަ އޮތީ ފޮތެއް ހިފައިގެން އެނދުގައި އޮށޯވެގެންނެވެ.
"ރީނާ!" ގައިގައި ބާލީހުން ޖަހައިލަމުން އަހަރެން ބުނީމެވެ. "ކައިފިންތަ؟"
"ފަހުން!" ފޮތުގެ އަޑިއަށް ފީނަމުން ރީނާ ބުންޏެވެ.
ރީނާ ތެދުވާ ޚިޔާލެއް ނުކުރިއެވެ. އަހަރެން އެނދުގައި އިށީނދެލީމެވެ. ކުއްލި ވަރުބަލިކަމެއް އިހުސާސް ކުރެވިގެންނެވެ. ބަނޑުހައިވެފައި ވާތީ، އިރުކޮޅަކު އިނދެލައިފައި ނުކުތީމެވެ. ދޮށީ ދަރިފުޅު ޖުމާނާ އިނީ ކާށެވެ. މަންމަ ވެސް އިނެވެ. އަހަރެން ގޮނޑިއެއް ދަމައިލައިފައި އިށީނީމެވެ. ކާން ހުރީ ގަރުދިޔަބަތާއި ތެއްލި މަހެވެ. ފިޔާ ތެއްލައިފައި ވެސް ހުއްޓެވެ. އަހަރެން އެންމެ ކާހިތްވާ އެއްޗެއްސެވެ.
"ތީ ކޮންއިރަކު ގަތް ހެދުމެއް؟" މަންމަ ސުވާލު ކުރިއެވެ.
"މީ ރީނާއަށް މާ ރީތިވެގެން އޯޑަރުކޮށްގެން ގެނައި ހެދުމެއް!" އަހަރެން ބުނީމެވެ. "މަ އޭރު ވެސް ބުނިން ފޮޓޯއިން ރީތިހެން ހީވިޔަސް އަސްލު އެހާ ރީއްޗެއް ނުވާނޭ. ގެނައިރު ސައިޒު ވެސް ކުޑަ. އެކަމަކު ވެސް އޭނައަށް ހަމަ މާ ރީތިވެގެން މިއޮއް ހުރިހާ ދުވަހަކު ލީ. މިހާރު ކުއްލިއަކަށް ވައި ކަޓައިފި. މަ ހިތަށްއެރީ ކުޑަކޮށްލައިފަ، ގޭތެރޭގަ އުޅޭއިރު ލާނީއޭ. އެހާ އަގު ބޮޑުކޮށް ގެނައި ހެދުމެއް އެއްލައެއް ނުލެވޭނެއްނު. އެބަހުރިތަ ރޯމިރުސް؟"
މަންމަ މިރުސް ގެނެސްދިނެވެ. އެކަމަކު ހަމަ އެއްގޮތަކަށް ވެސް ކާހިތެއް ނުވިއެވެ. ކުއްލިއަކަށް މޭބޮޑުވެ، ފޫހިވެ، ކަންނެތް ވެސް ވިއެވެ. ގަދަކަމުން ކުޑަ އެތިކޮޅެއް ކެއީމެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޖައްސައިލީމެވެ. ވަރަށް އަވަހަށް ނިދުނެވެ. ހޭލެވުނުއިރު ރޭގަނޑު ހަތެއްޖަހަނީއެވެ. އެއީ، އަހަރެން ނިދާ ގަޑިއެއް ނޫނެވެ. ތެދުވީމެވެ. އެނދުން ފައިބަން އުޅުނީމެވެ. އަހަރެންގެ ގަޔަކު ވަރެއް ނެތެވެ. ކުއްލިއަކަށް އެހެން ދިމާވީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ.
"ރީނާ!" ދަރިންނަށް އަހަރެން ގޮވައިލީމެވެ. "ޖުމާނާ!"
ދެ ދަރިން ކުރެ އެކަކު ވެސް އަޑުއިވޭ ހިސާބަކު ނެތެވެ. ކަސްރަތު ކުރަން ދާން އިނާޔާ ގުޅިއެވެ. އެ ކަން ކެންސަލު ކުރީމެވެ. އިނާޔާ ވަރަށް ހައިރާންވިއެވެ. ބޯކޮށް ވާރޭ ވެހުނަސް އަހަރެން ކަސްރަތު ކެންސަލެއް ނުކުރާނެއެވެ. އަހަރެން އޮށޯތީމެވެ. އިރުކޮޅަކުން ޖުމާނާ ވަނެވެ.
"މަންމަ އަދިވެސް ރެޑީނުވަންތަ؟" ޖުމާނާ ސުވާލުކުރިއެވެ. "ބައްޕަ ބުންޏެއްނު މި ރޭ އަންނައްޗޭ!"
އަހަރެން ހަނދާނެއް ނެތެވެ. ދާހިތެއް ވެސް ނެތެވެ. އެއްޗެއް ނުބުނެ އެތައް އިރަކު އަހަރެން އިނީމެވެ.
"މަންމާ!" ޖުމާނާ ތަންކޮޅެއް ބާރަށް ބުންޏެވެ. "ދޭބަލަ ތައްޔާރުވާން!"
ދެ ފިކުރެއްގައި ހުރެ އަހަރެން ފާޚާނާއަށް ވަނީމެވެ. ނުގޮއްސިއްޔާ ދަރިން މައްސަލަޖައްސާނެކަން އެނގެއެވެ. އެހެންނަމަވެސް، އަހަރެން ބޭނުންވީ އެނދުގައި އޮށޯވެލާށެވެ. ހިތަށްއެރިއެވެ. ފެންވަރައިލަނިކޮށް ހަމައަކަށްއެޅިދާނެއެވެ. އެ ކަން ވެސް ކުރީމެވެ. ފުނާއަޅަން ލޯގަނޑު ކައިރީގައި ހުއްޓައި، ކުއްލިއަކަށް ރަނގަޅުވިއެވެ. ދެން ބަނޑުހައި ވެސް ވިއެވެ. ފޫހިކަމާއި ވަރުބަލިކަން ވެސް ފިލިއެވެ. ކުދިން ގޮވައިގެން ކުދިންގެ ބައްޕަގެއަށް ދިޔައީމެވެ. ވަރަށް މަޖާކުރީމެވެ. ކުރީގެ ފިރިމީހާ އައިސް ހުދުރާއަޅައަޅައިފައި އުޅުނެވެ. އަހަރެން އަޅައެއްނުލަމެވެ. ފަހަކަށް އައިސް އޭނަގެ ރާޑަރަށް އަނެއްކާ ވެސް އަހަރެން އެރި ސަބަބެއް ނުވިސްނެއެވެ. ވިސްނާކަށް ބޭނުމެއް ވެސް ނޫނެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނު ހޭލިއިރު ވެސް އެއްވެސް މައްސަލައެއް ނެތެވެ. އަނެއްކާ ވެސް މަލާ ދިމާއަށް ބަލައިލެވުނެވެ. ކުނިވަށިގަނޑަށް މާ ވައްޓައިލީމެވެ.
"އެ ނިމުނީނު އެ ކަން." ހިތާހިތުން ބުނެލީމެވެ.
އަހަރެން އޮފީހަށް ދިޔައިރު ހަމްދާން ހުރީ، ޕާކުކުރާ ސަރަޙައްދުގައި އޭނަގެ ސައިކަލު ކައިރީގައެވެ. ސައިކަލުގެ މަޑި ހުރީ މައްޗަށް ނަގައިފައިއެވެ. ހަމްދާން އަތުގައި ކުޑަ ފެންފުޅިއެއް އޮތެވެ. އެ އިން އޭނަ އަތްދޮވެލި ތަން އަހަރެން ދުށީމެވެ. އަހަންނަށް ހީވީ އަހަރެން އަންނަތަން ފެނުނީމަ އޭނަ ކުރިކަމެއްހެންނެވެ. ފެންފޮދު ބުރުއްސައިލީ އަހަރެން އައި ދިމާއަށެވެ. ކުއްލިއަކަށް ބުރަކިޖެއްސީމެވެ. އަހަރެންގެ ހިތް ބުންޏެވެ. ކުރީ ރޭ ސެކްޝަންގެ ދޮރުމައްޗަށް ފެންއެޅީ ވެސް ހަމްދާނެވެ.
"ތީ ދެން ކޮންކަމެއް؟" އަހަރެން ބުނީމެވެ.
ހަމްދާނަށް ލިބުނީ ސިހުމެކެވެ. މަޑި ދަށަށް ފެންފުޅި ލައިފައި މަޑި ތިރިކޮށްލިއެވެ.
"ކޮބާ؟" ހަމްދާން އެހިއެވެ.
"ނޭނގެ މަށަކަށް." އަހަރެން ބުނީމެވެ.
ހަމްދާން ފެންއެޅި ހިސާބަށް ނުގޮސް ސައިކަލު ޕާކުކުރީމެވެ. ކިތަންމެ ކެރޭކަމަށް ހެދުނަސް އަހަރެން ހުރީ ބިރުންނެވެ. މޭޒުކައިރީގައި އިށީންއިރު ވެސް އަހަރެން ހުރީ އެ ތާކު ނޫނެވެ. އަހަންނަށް ހުރެވުނީ ޕާކުކުރި ތަނުގައެވެ. އަހަންނަށް ފެންނަނީ ހަމްދާންގެ ކެހިވެރި ބެލުމެވެ. ހިތް ބުންޏެވެ. އޭނަ ކޮންމެވެސް ކަމެއް އެބަ ކުރެއެވެ. އެ ވަގުތު އަހަރެން ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ޗޮކުލެޓެވެ. ހިތް ނިކަން ބާރަށް ތެޅިގަތެވެ. ބިރުގެ މައްޗަށް ރުޅި އިސްކޮށްފައި ޗޮކުލެޓު ނަގައިފައި ކުނިވަށިގަނޑު ތެރެއަށް ޖެހީމެވެ.
"އޭތްއޭތް ތިއޯ؟" އިނާޔާ ބުނި އަޑު އިވުނެވެ.
ޖަވާބެއް ނުދެވިގެން އަހަރެން އުޅެނިކޮށް އިނާޔާ އައިސް ކުނިވަށިގަނޑުން ޗޮކުލެޓު ނެގިއެވެ.
"މަ އެހާ ލޯބިން ދިން ޗޮކުލެޓު އެއްލާލާކަށް ނުވާނެއްނު،" ޗޮކުލެޓު ދިއްކޮށްލަމުން އިނާޔާ ބުންޏެވެ. "މަގޭ ބާތުޑޭއޭ."
"އެހެންތަ؟" އަހަރެން ބުނީމެވެ. "އިނާޔާ ބޭއްވި އެއްޗެއްތަ ތީ؟ މަ ހީކުރީ..."
"ހީކުރީ؟" އިނާޔާ ހައިރާންވެފައި ބުންޏެވެ. "ކާކުކަމަށް ހީކުރީ؟"
ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. ހަމްދާނަށް ޝައްކުވާ ވާހަކަ ވެސް އަހަރެން ސިއްރެއް ނުކުރަމެވެ. އިނާޔާ އިރުކޮޅެއްވަންދެން އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ.
"އޭނަ ދިންތަ މަލެއް؟" އިނާޔާ މަޑުމަޑުން އެހިއެވެ.
"މަލެކޭ؟" އަހަންނަށް ބުނެވުނެވެ. "ނުދޭ! އެކަމަކު، މަލެއް ހޮވިން؟"
އެ މާ ހިފައިގެން ގެއަށް ދެވުމުން ދެންވީ ކަންތައްތަކުގެ ވާހަކަ ވެސް ކިޔައިދިނީމެވެ.
"ރެޕްކޮށްފަތަ އޮތީ؟" ގާތަށް ޖެހިލަމުން އިނާޔާ އެހިއެވެ. "ގަދަ ރަތްކުލައިގެ ރޯސްއެއް. އޭގެތެރެއަށް ވަކިން ފަތެއް ލާފަ އޮތްތަ؟"
އަހަރެން ހަނދާންކުރީމެވެ. ފަތެއް އޮތްކަމެއް ނުވަތަ ނޫންކަމެއް ހަނދާނެއް ނުވިއެވެ. ދެން ބުނި އެހެން ކަންކަން ދިމާވެއެވެ.
"މަ އަޑުއެހިން އޭނަ ކޮންމެވެސް މީހެއް ގާތުގަ އެ ވާހަކަދައްކަނިކޮށް،" ހަނދާންކުރަމުން އިނާޔާ ބުންޏެވެ. "ރަތްކުލައިގެ ރޯސްއެކޭ ކިއި. ކޮންމެވެސް ކަމެއް ކޮށްފަ ފަތެއް ލިއޭ ކިޔާފަ އެ ކަހަލަ އެއްޗެހިތަކެއް ވެސް ކިއި. ނަސީބެއްނު ސަލާމަތްވިކަން. އެއީ ފަންޑިތައިގެ ކަންތައް ވަރަށް ބޮޑު ބައެއް. ވަކި އޭނައެއް ނޫން. މުޅި ރާއްޖޭގަ ވެސް އެއެއްނު މިހާރު ކަމަކީ. އަބަދުވެސް ކޮންމެވެސް ރަށެއްގަ ސިހުރު ހަދަނިކޮށް ބަޔަކު އަތުލައިގަތް ވާހަކަ. ބޭނުންތަ ތި ކަން ބަލައިލަން؟ މަގޭ ހުންނާނެ ފްރެންޑެއް."
އަހަރެން ބޭނުމެއް ނުވިއެވެ. ހިތަށްއެރިއެވެ. އެ ކަން އެ ނިމުނީއެވެ. އެހެންނަމަވެސް، އެ ދުވަހު އެހެން ކަމެއް ދިމާވިއެވެ. އަހަންނަކީ އޮފީހުގެ ކޫލަރުން ވަރަށް ގިނައިން ފެންބޯ މީހެކެވެ. އެ ދުވަހު ފެންބޯން ދިޔައިރު ހަމްދާން ކޫލަރާ ކުޅެން ހުއްޓައި ދުށީމެވެ. ފަހަރެއްގައި ވެދާނެއެވެ. އެއީ އަހަރެންގެ ވަހުމެކެވެ. ހަމްދާނަކީ، އޮފީހުގެ ކަރަންޓުގެ މަސައްކަތްތަކާ ބެހޭ ބައިގެ މީހެކެވެ. ކޫލަރު މައްސަލަޖެހިގެން ހަމްދާން އުޅުނީ އެ ހަދަންކަމަށް ވެސް ވެދާނެއެވެ. އެކަމަކު، އަހަރެން ފެނުމާއެކު ހަމްދާނަށް ސިހުމެއް ލިބުނީ ކީއްވެ ހެއްޔެވެ؟ އޭގެ ފަހަކުން އަހަރެން އެ ކޫލަރަކުން ފެނެއް ނުބޮމެވެ. އެކަމަކު، އޭގެ ކުރިން، ދެ ފަހަރަކު އެ ދުވަހު ވެސް ފެން ބޮއިފީމެވެ.
ނުނިމޭ