ހަށިގަނޑު ތެރޭ 75 ޕިން: ކިހިނެއް ވަން އެއްޗެއް ކަމެއް ނޭނގޭ
ހަށިގަނޑު ތެރޭ 75 ޕިން: ކިހިނެއް ވަން އެއްޗެއް ކަމެއް ނޭނގޭ

ބަދްރީލާލް މީނާ ކިޔާ 56 އަހަރުގެ މީހެއްގެ ހަށިގަނޑުގެ އެތަން މިތަނުގައި 75 ޕިން ހުރި ކަމަށް އޭނާގެ އެކްސް ރޭ އިން ވަނީ ފެނިފަ އެވެ. ނަމަވެސް ހަށިގަނޑަށް މި ޕިންތައް ވަން ގޮތެއް ބަދްރީލާލްއަކަށް އެއްގޮތަކަށް ވެސް އެނގޭ ކަމަކަށް ނުވެ އެވެ.

އިންޑިއާގެ ރެއިލްވޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ހޯދަމުން އަންނަ ބަދްރީލާލްގެ ކަރު ތެރެއާއި އަތް އަދި ފައިގެ އެތަން މިތަނުގައި 75 އަށް ވުރެ ގިނަ ޕިން ވަދެފައި އެބަހުއްޓެވެ. ޕިންތައް ވަދެފައިވާ ގޮތެއް ނޭނގޭއިރު މުމްބައި ޑޮކްޓަރުން މިހާރު މަސައްކަތްކުރަނީ މި މައްސަލަ ހައްލުކުރާނެ ގޮތެއް ހޯދުމަށެވެ.

ރާޖަސްތާނަށް އުފަން ބަދްރީލާލް މިދިޔަ ފެބްރުއަރީ މަހު، ކޯޓާ ކިޔާ އަވަށެއްގެ ހޮސްޕިޓަލެއްގައި ފައިގެ އިނގިއްޔެއް ހަލާކުވެގެން ސާޖަރީ އެއް ހެދި އެވެ. އޭނާ ހީކުރީ އެހިސާބުން އޭނާގެ ސިއްހީ މައްސަލަތައް ހައްލުވީ ކަމަށެވެ. ނަމަވެސް ހަށިގަނޑުގައި ޕިންތަކެއް ހުރިކަން ކުއްލިއަކަށް އެނގުނެވެ. އެއީ އޭޕްރީލް މަހު އޭނާ ނެގި އެކްސްރޭއަކުން ގައިގެ އެތަން މިތަނުގައި ޕިންތަކެއް ހުރިކަން އެނގުމުންނެވެ. ނަމަވެސް އެންމެ ހައިރާންވާން ޖެހޭ ކަމަކީ އެ އެއްޗެހި ވަދެފައިވާ ގޮތް ހަނދާން ނެތީމަ އެވެ.

މި ޕިންތައް ހުރިކަން އެނގުނީއްސުރެ ބަދްރީލާލްގެ އާއިލާގެ މީހުން އެ އެއްޗެހިތައް ނެގޭތޯ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދުވަނީ އެވެ. ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އެކަން ކޮށްދެވޭނެ ގޮތެއް އޮތް ކަމަކަށް ނުބުންޏެވެ.

ޕިން ހުރިކަން އެންމެ ފުރަތަމަ އެނގުނީ ބަދްރީލާލްގެ ފައިތިލައިގަ އެވެ. ރާޖަސްތާނުގެ ރެއިލްވޭ ގައި މަސައްކަތްކުރާ މި މީހާ އަށް މުމްބައި ހޮސްޕިޓަލަށް ދިއުމަށް އެންގީ އެހިސާބުންނެވެ. އެހެންވެ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބަދްރީލާލް މުމްބައި އަށް ގޮސް ޖަގްޖީވަން ރާމް ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދެއްކި އެވެ. އެތަނުން އިތުރަށް އެކްސްރޭ ތައް ނަގައިގެން ބެލި ކުރިއިރު ޕިން ހުރީ ހަމަ އެކަނި ފައިގައި ނޫން ކަމާއި ހަށިގަނޑުގެ އެތަން މިތަނުގައި 75 އަށް ވުރެ ގިނަ ޕިން ހުރި ކަން އެނގުނެވެ. އޭގެ ތެރެއިން 40 ޕިން ތާށިވެފައި ވަނީ އޭނާގެ ކަރު ތެރޭގަ އެވެ. ކަނާތު ފައިގައި 25 ޕިން އަދި ދެ އަތުގައި ވެސް ޕިން އެބަހުއްޓެވެ.

އެ ހޮސްޕިޓަލަށް އެކަން ކުރެވޭނެ ގޮތެއް ނުފެނިގެން އެހެން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނަށް ދައްކަން ފޮނުވާލީ އެވެ.

ބަދްރީލާލްގެ ދަރިފުޅު ރަޖެންދުރަ ބުނި ގޮތުގައި ބައްޕަ ދެ ފައިތިލައިގައި ރިއްސާތީ އުޅޭތާ މިހާރު ހަތަރު ވަރަކަށް މަސް ވެދާނެ އެވެ. ރާޖަސްތާނު ހޮސްޕިޓަލެއްގައި އޭނާ ވަނީ ސާޖަރީއެއް ހަދާފައި ކަމަށާއި ޕިންތައް ހަށިގަނޑުން ފެނުނީ އޭގެ ފަހުން ކަމަށް ބަދްރީލާލްގެ ދަރިފުޅު ބުންޏެވެ.

ރެއިލްވޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑުގެ އެތެރޭގައި އެހާ ގިނަ ޕިންތައް ހުރިއިރުވެސް އެއްވެސް ޕިން އެއް އެތެރެ ހަށީގެ ގުނަވަނަކަށް ހެރިފައެއް ނެތެވެ. ޕިނެއް ހެރި އެތެރެހަށީގެ އެއްވެސް ގުނަވަނަކަށް ގެއްލުމެއް ވެއްޖެ ނަމަ އެ މީހާގެ ފުރާނައަށް ގެއްލުންވުން އޮންނާނީ ވަރަށް ގާތުގަ އެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އިންސާނަކު ހަމަ ހޭގައި ހުރެ އެހާ ގިނަ ޕިންތައް ދިރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޕިންތައް ނެގޭނީ އޮޕަރޭޝަން ކޮށްގެން ކަމަށާއި ނަމަވެސް ބަދްރީލާލް އަކީ ހަކުރުބަލި ހުންނަ މީހަކަށް ވާތީ ސާޖަރީއެއް ހެދުމުގައި ވެސް ނުރައްކާތަކެއް އެބަހުރި ކަމަށް ޑޮކްޓަރުން ގަބޫލު ކުރެ އެވެ. އެހެންވެ އެކި ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށް ދައްކަން މަޝްވަރާ ދެނީ ކަމަށާއި އެ މީހާގެ މައްސަލަ ހައްލުކުރަން އެހާ ފަސޭހަ ނުވާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.