"ހާފް ގާލްފްރެންޑް"ގެ ލަވަތައް މީހުންގެ ހިތްތަކާ ކުޅެލައިފި
"ހާފް ގާލްފްރެންޑް"ގެ ލަވަތައް މީހުންގެ ހިތްތަކާ ކުޅެލައިފި

މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ހާފް ގާލްފްރެންޑް"ގެ ލަވަތަކަކީ މިއަހަރުގެ މިހާތަނަށް ނުކުތް އެންމެ ރީތި އަލްބަމް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީ މިހާތަނަށް އުފެއްދި ހުރިހާ ފިލްމުތަކެއްގެ ވެސް ލަވަތައް ވަރަށް ރީއްޗެވެ. "އާޝިގީ 2" އާއި 'އޭކް ވިލަން" އަކީ މީގެ ރަނގަޅު މިސާލު ތަކެވެ. އެގޮތުން "ހާފް ގާލްފްރެންޑް" އަށް ވެސް މޯހިތު ހޮވާފައިވާ 10 ލަވައިގެ ތެރޭގައި ހިމެނޭ ގިނަ ލަވަތަކަކީ ވަރަށް މަދުން ނޫނީ ނުއިވޭ ޒާތުގެ ރީތި ލަވަ ތަކެކެވެ.

މި ފިލްމުގެ ލަވަ ތަކުގެ ތެރެއިން ފުރަތަމަ ރިލީޒްކޮށްފައިވަނީ "ބާރިޝް" އެވެ. ހަމަ ރިލީޒްކުރުމާ އެކު ޗާޓްތަކުގެ ކުރިއަށް މި ލަވަ ވަނީ އަރާފަ އެވެ. ލަވަ ރިލީޒްކުރި ފަހުން މިހާތަނަށް މި ލަވަ 40 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެ އެވެ. މިއީ ކޮލެޖްގެ ރޮމޭންސް ދައްކުވައިދޭ ލަވައެކެވެ. ދިއްލީ ޔުނިވަސިޓީގެ ސެން ސްޓީވަންސް ކޮލެޖު ފަހަތުން ފެންނަ ގޮތަށް ނަގާފައިވާ މި ލަވަ އަޑުއިވުމުން ކިޔަވަން އުޅުނު ދުވަސްވަރުގެ މަތިން ކޮންމެ މީހަކުވެސް ހަނދާން ވާނެ އެވެ. ތާނިޝް ބަގްޗީ ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައިވަނީ އޭޝް ކިންގް އާއި ޝާޝާ ޓިރުޕާޓީ އެވެ. ލަވައިގެ ލިރިކްސް ވެސް ހަމަ އެހާ ރީއްޗެވެ.

ދެން އެންމެ ފާހަގަ ކޮށްލެވޭ އަނެއް ލަވައަކީ "ޓެހެރް ޖާ" އެވެ. ޝްރެޔާ ގޯޝާލް އާއި ފަރްހާން ސައީދު ކިޔާފައިވާ މި ލަވަ އަކީ ލޯބީގެ އަސަރުތައް ލަވަތައް އަޑުއަހާލަން ބޭނުންވާ މީހުންނަށް ވަރަށް ކަމުދާނެ ލަވަ އެކެވެ. މި ލަވައިގެ މަގްބޫލުކަން ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

މީގެ އިތުރުން "ޕިރް ބީ ތުމްކޯ ޗާހޫންގީ" އަކީ ވެސް އާދަޔާޚިލާފު ރީތި ލަވައެކެވެ. މިތޫން ކޮމްޕޯސް ކޮށްފައިވާ މި ލަވަ އަރިޖީތު ސިންގް އާއި ސާޝާގެ އަޑުން ވިރުވާ އަޅާލާއިރު އަރްޖުންގެ ހިތުގައި ޝްރައްދާއަށް އޮންނަ އެއްވެސް ހިފެހެއްޓުމެއް ނެތް ލޯބި ހާމަވެ އެވެ.

މި ތިން ލަވަ ނޫނަސް ޖުމްލަކޮށް ބަލާއިރު ފިލްމުގައި ދެން ހުރި ލަވަތައް ވެސް ވަރަށް ރީތިކަން ފާހަގަކޮށްލެވެ އެވެ.