02 މެއި 2017 - 14:36

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވައި މިއަދު ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވައި މިއަދު ނިމުނަސް، ސީދާ އެ ރަށްރަށަށް މިއަދު ނުލިބިދާނެ ކަމަށެވެ. އެކަމަކު އިންތިހާބަށް ބޭނުންވާ ހުރިހާ އެއްޗެއް އަންނަ ހުކުރު ދުވަހުގެ ކުރިން ރަށްރަށަށް ފޮނުވައި ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވޯޓު ކަރުދާހާއި އިންތިހާބަށް ބޭނުންވާ ތަކެތި ފޮނުވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އީސީން ބުނީ މިހާތަނަށް 11 އަށް ވުރެ ގިނަ އަތޮޅަށް އެއްޗެހި ފޮނުވާފައިވާ ކަމަށާއި ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވާ ހުރިހާ ރަށަކަށް ވޯޓު ފޮއްޓާއި ވޯޓިން ބޫތު ފޮނުވާފައިވާ ކަމަށެވެ.
ވޯޓުކަރުދާސް ފޮނުވުމުގެ މަސައްކަތް ފެށިއިރު، އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އަތޮޅުތަކުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވެސް ބުނީ އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް 422 ވޯޓު ފޮށި ބަހަައްޓަން ހަމަޖައްސާފައިވާއިރު 255،987 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.