03 މެއި 2017 - 06:03

ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސާންޖް އާއި "ފިލޯރީ" ގައި މަސައްކަތް ކުރުމަށް ފަހު އަނުޝްކާ ޝަރުމާ މިހާރު ތައްޔާރު ވަމުން އަންނަނީ ބެންގާލީ އެކްޓަރެއް ކަމަށްވާ ޕަރަމްބްރާތާ ޗެޓާޖީއާ އެކު "ޕަރީ" ކިޔާ ފިލްމެއް ކުޅުމަށެވެ.
މިއީ އަނުޝްކާގެ އަމިއްލަ ފިލްމު ކުންފުނި ކަމަށްވާ "ކްލީން ސްލޭޓް ފިލްމްސް" އާއި ކްރިއަރްޖް އެންޓަޓައިންމަންޓް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ކުރިން އަނުޝްކާގެ ފިލްމު ކުންފުނިން އުފައްދާފައި ވަނީ "އެންއެޗް10" އާއި "ފިލޯރީ" އެވެ. އަދި މި ދެ ފިލްމަށް ވެސް ރަނގަޅު ކާމިޔާބެއް ލިބިފައިވެ އެވެ.
އަނުޝްކާ ބުނި ގޮތުގައި "ޕަރީ" އަކީ ވަރަށް މޮޅު ސްކްރިޕްޓެކެވެ. އެހެންވެ ފިލްމުގެ ޑައިރެކްޓަރާއި އަނެއް ޕްރޮޑިއުސަރު ކްރިއަރްޖް އެންޓަޓައިންމަންޓަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތެވެ.
"ކަހާނީ" ގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ޕަރަމްބްރާތާ ބުނީ "ޕަރީ"ގެ ސްކްރިޕްޓް ވަރަށް ރީތިކަމަށާއި އަނުޝްކާއާ އެކު ފިލްމެއް ކުޅެލަން ބޭނުން ކަމަށެވެ. އަދި ޝޫޓިން ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ޖޫން މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓްކުރަނީ ޕްރޮސިތު ރޯއީ ކިޔާ މުޅިން އަލަށް ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާ މީހެކެވެ.