03 މެއި 2017 - 06:02

ޕްރިޔަންކާ ޗޯޕްރާ ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ބޮލީވުޑްގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެކި ތަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ދުވަސްކޮޅެއް ކުރިން ކަންގަނާ ރަނާވަތު ވެސް ދެއްކި ވާހަކަ އެވެ.
"ކޮފީ ވިތު ކަރަން" ގެ މިއަހަރުގެ ސީޒަންގެ އެޕިސޯޑެއްގައި ކަންގަނާ ވަނީ ކަރަން އަކީ ގާތް މީހުންނަށް ހުރިހާ ކަމެއް ކޮށްދިނުމުގެ އާދަ ގެންގުޅޭ މީހެއް ކަމަށް ބުނެފަ އެވެ. ކަންގަނާ މިހެން ބުނުމުން ވަރަށް ގިނަ ފިލްމީ ތަރިން ވެސް މިކަމާ ހިތްހަމަނުޖެހި، ކަންގަނާގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ. ޕްރިޔަންކާ ހިމެނިފައިވަނީ ކަންގަނާ އަށް ތާއީދުކޮށް ވާހަކަ ދެއްކި މަދު ތަރިންގެ ތެރޭގަ އެވެ.
ޕްރިޔަންކާ ފިލްމީ ދުނިޔެއަށް ނުކުތްއިރު އޭނާއަށް ވެސް މަގުދައްކާނެ މީހަކު ނެތެވެ. ސަބަބަކީ އޭނާއަކީ ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކާ ތިމާގެ ނުވަތަ ގާތް މީހަކަށް ނުވުމެވެ. އެހެންކަމުން އޭނާއަށް ވެސް އެހެން އެކްޓަރުންނާ ތަފާތުކުރުންތައް ގެންގުޅުނުކަން ވަނީ ތަޖުރިބާ ކުރެވިފަ އެވެ.
"ކޮންމެ ތަރިއެއްގެ ވެސް ދަތުރު ވަރަށް ތަފާތު ވާނެ. އަހަންނަށް ފިލްމު އިންޑަސްޓްރީގެ މީހުންގެ ފަރާތުން ވަރަށް ބޮޑަށް މި ތަފަތުކުރުންތައް ފެނުނު. ވަރަށް ގިނަ ފިލްމުތައް އަހަންނަށް ދިނުމަށް ފަހު ޕްރޮޑިއުސަރު ކައިރީގައި ކޮންމެ ވެސް މީހަކު އެހެން ބަތަލާއެއް ލާން ބުނެގެން އަހަރެން ބޭރު ކޮށްލާފައި އެބަހުރި. އަހަރެން ރޯލާފައި އެކަން ހަނދާން ނައްތާލަނީ،" ޕްރިޔަންކާ ބުންޏެވެ.
ނަމަވެސް އެފަދަ އެއްވެސް މީހަކާ ދޭތެރޭ ޕްރިޔަންކާގެ ހިތުގައި މިހާރު އެއްވެސް ކިލަނބުކަމެއް ނެތެވެ. އޭނާ ބުނި ގޮތުގައި ފިލްމީ ޚާންދާނަކަށް އުފަންވުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް ފިލްމީ އާއިލާތައް ނުވަތަ އެމީހުންނާ ގުޅުން ހުންނަ މީހުން ފިޔަވައި އެހެން މީހަކަށް އިންޑަސްޓްރީގެ ދޮރުން ވަނުމުގެ ހުއްދައެއް ނޯވެ އެވެ.
ފިލްމީ ތަރިންގެ ދަރިންނަށް އާއިލީ ރީތި ނަން ދަމަހައްޓަން އިންތިހާއަށް ޕްރެޝަރު އޮވެ އެވެ. އެހެންވެ ކާމިޔާބު އެކްޓަރަކަށް އެންމެ ފަހުން ވެވެނީ ހަމައެކަނި ނަސީބު އެމީހަކާ އެކުގައިވާ މީހަކަށެވެ. ކޮންމެހެން ސްޓާރެއްގެ ދަރިއެކޭ ނުވަތަ ބޭރުން އައި މީހެކޭ މިކަމުގައި ތަފާތެއް ނޯވެ އެވެ.
ޕްރިޔަންކާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ރިލީޒްކުރަން ކައިރިވާތީ އެ ފިލްމުގެ ޕްރޮމޯޝަނަށެވެ. ޑުވޭން ޖޯންސަން އާއި ޒެކް އެފްރޮން މުހިއްމު ބައިތަކެއް އަދާކުރާ މި ފިލްމުގައި ޕްރިޔަންކާ ކުޅެނީ ނުބައި ބައެވެ.