ހާލަތަށް ބެލުމެއް ނެތް، މާޒިޔާގެ އަމާޒަކީ މޮޅެއް
ހާލަތަށް ބެލުމެއް ނެތް، މާޒިޔާގެ އަމާޒަކީ މޮޅެއް

އޭއެފްސީ ކަޕްގައި މާދަމާ މާލޭގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މާޒިޔާ އަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެހެން ނަމަވެސް އެކަންތައްތަކަށް ސަމާލުކަމެއްނުދީ އަމާޒަކީ މޮޅެއް ހޯދުން ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ މި ޒޯނުގެ ގްރޫޕްތަކުން ދެ ވަނަ ބުރަށް ދެވެނީ އެއް ޓީމަކަށެވެ. ގްރޫޕް އީގެ އެއް ވަނައިގައި މި ވަގުތު ބެންގަލޫރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބަގާނަށް ލިބިފައިވަނީ ތިން މެޗުން ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

"މި ވަގުތު އަހަރެމެންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާތްގާތުގައި ގިނަ މެޗުތައް ކުޅެން ޖެހުން. އެންމެ ފަހު 20 ދުވަސް ތެރޭ އަހަރެމެން ފަސް މެޗު ކުޅެފިން. އަދި މިިދިޔަ އަށް ދުވަހުގެ ތެރޭގައި މިއީ އަހަރެމެންގެ ތިން ވަނަ މެޗު. މިއީ ފަސޭހަކަމެއް ނޫން. އަހަރެންގެ ކުޅުންތެރިންގެ ހިތްވަަރަށް ވަރަށް ސާބަސްދެން،" މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

"ސަސްޕެންޝަންގެ މައްސަލަ އާއި ވަރުބަލިކަން ޓީމުގައި އޮތް ނަމަވެސް އަަހަންނަށް ޔަގީންކަން އެބައޮތް ދަނޑު މައްޗަށް އަރާ 11 ކުޅުންތެރިން އެކުގައި މޮޅުވާން މަސައްކަތް ކޮށްފިނަަމަ މިކަން ކާމިޔާބުވާނެކަން."

ސެކުލޮސްކީ ބުނީ މިއީ އޭއެފްސީ ކަޕްގެ އެހެން މެޗުތަކެކޭ އެއްވަރަށް މުހިއްމު މެޗެއް ކަމަށާއި ކުޅުންތެރިންނަށް ވިސްނައިދޭނީ ވެސް އެހެން ކަމަށެވެ.

"މޯހަން ބަގާން އަކީ އެންމެ މޮޅު އިންޑިއާ ޓީމު. އަދި މި ސަރަހައްދުގެ އެންމެ މޮޅު އެއް ޓީމު. އަހަރެން މާޒިޔާ ކުޅުންތެރިންނަށް ވިސްނައިދޭނަން މާދަމާ އަހަރެމެން ކުޅެން ޖެހޭނެ ކުޅެވޭ އެންމެ މޮޅަށް. އަހަރެމެން ވިސްނާނީ ބަގާން އަށް ވުރެން ބޮޑަށް އަމިއްލަ ޓީމަށް،" ސެކުލޮސްކީ ބުންޏެވެ.

އިންޑިއާގެ އައި ލީގު ގެއްލުމުން މޯހަން ބަގާންގެ ގިނަ ކުޅުންތެރިން ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. އަދި އެ ޓީމުގެ ކޯޗު ސަންޖޯއީ ސެން ވެސް ޓީމާ އެކު ނާދެ އެވެ. ބަގާން ދަނޑުގައި މި ދެ ޓީމު ކުޅުނު މެޗުން މާޒިޔާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މިއީ ފަހަކަށް އައިސް އިންޑިއާ ކްލަބެއް އަތުން ރާއްޖެ އަށް ލިބުނު ބޮޑު މޮޅެކެވެ.

ސެކުލޮސްކީ ބުނީ މި މެޗަށް ނުކުންނައިރު މާޒިޔާ އަށް އެޑްވާންޓޭޖެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ހީވޭތަ ބަގާން އައީ މި މެޗުން ބަލިވާންހެން. އަހަންނަށް ޔަގީން ބަގާން އައީ މި މެޗުން މޮޅުވާންކަން. އަދި މި މެޗުން މޮޅުވެ އެޑްވާންޓޭޖް ނަގަން އެ ޓީމުން ބޭނުންވާނެ. މޯހަން ބަގާން އަކީ ޕްރޮފެޝަނަލް ޓީމެއް. ފަންސަވީސް ކުޅުންތެރިންނަކީ އެހެން ވަޒީފާ އަކަށް ނުގޮސް ހަމައެކަނި ފުޓްބޯޅައިގައި އުޅޭ ކުޅުންތެރިން. އެ ކުޅުންތެރިންގެ ހުންނާނެ އައި ލީގާއި ސުޕަ ލީގު އަދި އޭއެފްސީ ކަޕްގެ ތަޖުރިބާ. އޭގެން ކޮންމެ ކުޅުންތެރިއަކު ވެސް ތަފާތުވާނެ،" އޭނާ ބުންޏެވެ.

ސެކުލޮސްކީ ބުނީ އޭއެފްސީ ކަޕްގައި އެންމެ ފަހުން މާޒިޔާ މާލޭގައި ބެންގަލޫރު އަތުން ބަލިވި މެޗުގައި އެ ޓީމަށް ގިނަ ބަޔަކު ސަޕޯޓްކުރި ކަމަށާއި ބޭނުންވަނީ މާދަމާގެ މެޗުގައި މާޒިޔާ އަށް ގިނަ ބަޔެއްގެ ސަޕޯޓް ލިބުން ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް އެދެން މާދަމާ ސަޕޯޓަރުން އައިސް މާޒިޔާގެ ކުޅުންތެރިންނަށް ހިތްވަރުދިނުމަށް. އެއީ މީގެ ތެރޭގެ ނުވަ ކުޅުންތެރިންނަކީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން. އަހަރެން އެދެނީ ސަޕޯޓަރުން އައިސް އަހަރެމެންނަށް ސަޕޯޓް ކުރުމަށް މޯހަން ބަގާނަށް ސަޕޯޓްދިނުމަކަށް ނޫން. ކުރިން ފެނުނު ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ސަޕޯޓްދިންތަން،" ސެކުލޮސްކީ ބުންޏެވެ

"އަހަންނަށް މާ ބޮޑު ހޯމް އެޑްވާންޓޭޖެއް ނުފެނޭ. ކަލްކަތާގައި ކުޅުނަސް މާލޭގައި ކުޅުނަސް އަދި ބެންގަލޫރުގައި ކުޅުނަސް އަހަރެންގެ ފޯކަސް އަކީ އެ މެޗުގެ 90 މިނިޓްގައި ދައްކާ ކުޅުން ރަނގަޅުކުރުން. ފުރަތަމަ ސިކުންތުން ފަހު ސިކުންތާ ހަމައަށް ވަރަށް ސަމާލުވެގެން ކުޅެފިނަމަ ޓާގެޓް ހާސިލްކުރެވޭނެ."

ބެންގަލޫރު އަތުން މާޒިޔާ ބަލިވި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބެންގަލޫރުން ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ މެޗުގައި މާޒިޔާގެ ބައެއް ކުޅުންތެރިންގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ ކަމަށާއި މާދަމާގެ މެޗުގައި އެކަން ރަނގަޅުކުރުން މުހިއްމެވެ.

"ފުޓްބޯޅައިގައި ކުޅުންތެރިންނަށް މިސްޓޭކްސް ހެދޭނެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ ވެސް މިސްޓޭކްސް ހަދާ. އޭގެ މާނަ އަކީ އެ ކުޅުންތެރިއާ ހިތްމަރާލާށެކޭ ނޫން. އޭނަ އަށް ހިތްވަރުދީގެން ރަނގަޅު ކުރުން. މާޒިޔާގައި އޮތީ ވަރަށް އެކުވެރި އެއް އާއިލާއެއް ފަދަ ޓީމެއް. އަހަރެން ވަރަށް ހިތްހަމަ ޖެހޭ މި ޓީމާ މެދު،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ އަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ ގިނަ ފަރާތްތަކުން މާޒިޔާ އަށްދޭ އެހީތެރިކަމާއި އެފްއޭއެމާއި ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބުގެ ފަރާތުން މާޒިޔާ އަށް ފާއިތުވި ދުވަސްތަކުގައި ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މާޒިޔާ އާއި ބަގާން ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.