އިބްރަހިމޮވިޗުގެ އޮަޕަރޭޝަން ކާމިޔާބު، އޭނާގެ ކެރިއަރު ނުނިމޭ: އޭޖެންޓް
އިބްރަހިމޮވިޗުގެ އޮަޕަރޭޝަން ކާމިޔާބު، އޭނާގެ ކެރިއަރު ނުނިމޭ: އޭޖެންޓް

މެންޗެސްޓާ (މެއި 2) – ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަށް ފަރުވާކުރަން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އޭނާގެ ކެރިއަރު ނުނިމޭ ކަމަށް އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

ޔުރޮޕާ ލީގުގައި ކުޅެނިކޮށް އިބްރަހިމޮވިޗުގެ ކަކޫ ނުއަތަށް ލެނބި، ލިގަމެންޓަށް ވަނީ ގެއްލުން ލިބިފަ އެވެ. އުމުރުން 35 އަހަރު ވެފައިވުމާ އެކު މިފަދަ ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ ކުޅުން ހުއްޓާލާނެ ކަމަށް ބެލެވުނެވެ.

އޭނާގެ އޭޖެންޓް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި ކުރިއަށް ގެންދިޔަ އިބްރަހިމޮވިޗުގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި އޭނާ ސަތޭކަ ޕަސެންޓް ފިޓްވާނެ ކަމަށައި އޭނާ އަށް ކެރިއަރު ނިންމާލަން ޖެހޭ ފަދަ އަނިޔާއެއް ކުރިމަތިނުވާ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާގެ ޕިޓްސްބާގުގެ ޔޫޕީއެމްސީގައި އިބްރަހިމޮވިޗް ރިހެލިބިޓޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، ބެލެވޭ ގޮތުގައި އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވެނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހު އެވެ.

ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށާއި ޔުރޮޕާ ލީގު ކާމިޔާބުކުރަން އަމާޒު ހިފާފައިވާ ޔުނައިޓެޑަށް، އިބްރަހިމޮވިޗް ނެތުމަކީ ލިބޭ ބޮޑު ގެއްލުމެކެވެ. އޭނާ ވަނީ މި ސީޒަނުގައި 28 ގޯލް ޖަހައިފަ އެވެ.

އިބްރަހިމޮވިޗް ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންވެ ބެލެވޭ ގޮތުގައި ދެން ކޮންޓްރެކްޓް އާނުކޮށް އޭނާ ގުޅޭނީ އަންނަ އަހަރު އެމެރިކާ ލީގާ އެވެ.