02 މެއި 2017 - 11:15

ލަންޑަން (މެއި 3) - މި ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެ ޓީމު ދޫކޮށްލައިފިނަމަ އެ މަގާމަށް ޓޮރިނޯގެ ކީޕަރު ޖޯ ހާޓް ނޫނީ ލެސްޓާ ސިޓީގެ ކީޕަރު ކެސްޕަ ޝްމައިކަލް ގެންނަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް މެޑްރިޑުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައިވާ ކުޅުންތެރިއަކީ ޑެހެއާ އެވެ. ޔުނައިޓެޑުން ޑެހެއާ ނުވިއްކާނެ ކަމަށް ބުނަމުން އައި ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގަ ނުލިބިއްޖެނަމަ ޑެހެއާ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު ކުޑަ އެެވެ.
ހާޓް އާއި ޝްމައިކަލް އަކީ ޔުނައިޓެޑާ ވާދަވެރި މެންޗެސްޓާ ސިޓީގެ އެކެޑަމީގެ ތެރެއިން އައިސް ސީނިއާ ޓީމާ ގުޅުނު ދެ ކުޅުންތެރިންނެވެ.
ޑެހެއާ ކްލަބް ދޫކޮށްލައިފިނަމަ ޔުނައިޓެޑުން ބޭނުންވަނީ އެ ޓީމުގެ މިހާރުގެ ކީޕަރު ސާޖިއޯ ރޮމޭރޯއާ ފުރަތަމަ އެގާރައިގެ ޖާގައަކަށް ވާދަކުރަން ހާޓް ނޫނީ ޝްމައިކަލް ގެނައުމަށެވެ. ސިޓީގެ ލޯން އެއްބަސްވުމެއްގެ ދަށުން އިންގްލެންޑް ގައުމީ ޓީމުގެ ކީޕަރު ހާޓް އަންނަނީ ޓޮރިނޯގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ޕްރިމިއާ ލީގަށް އަންނަ ސީޒަނުގައި ބަދަލުވާނެ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑްުގެ ކުރީގެ ކީޕަރު ޕީޓަ ޝްމައިކަލްގެ ދަރި ކެސްޕަ ސްމައިކަލް އަކީ ވެސް މީގެ ކުރިން ސިޓީ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ލެސްޓާ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ލެސްޓާ އަށް މިހާތަަނަށް 200 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ޝްމައިކަލް އަކީ މިދިޔަ ސީޒަނުގައި އެ ޓީމު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ލެސްޓާ އަށް ޖާގަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
މިދިޔަ ސީޒަނަށް ފަހު އުމުރުން 30 އަހަރުގެ ޝްމައިކަލް ވަނީ ލެސްޓާއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ލެސްޓާގެ ކޯޗުކަމުން މިދިޔަ ފެބްރުއަރީ މަހު ކްލައުޑިއޯ ރަނިއޭރީ ވަކިކުރުމާ ގުޅިގެން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ގިނަ ކުޅުންތެރިންދާނެ ކަމަށް ބެލެވެ އެވެ.