އާޖެންޓީނާ އިން ބޭނުންވާ ހަމައެކަނި ކޯޗަކީ ސަމްޕައޯލީ
އާޖެންޓީނާ އިން ބޭނުންވާ ހަމައެކަނި ކޯޗަކީ ސަމްޕައޯލީ

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 2) – އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގެންނަން ބޭނުންވާ ހަމައެކަނި ކޯޗަކީ ސެވިއްޔާގެ ޖޯޖް ސަމްޕައޯލީ ކަމަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވެއްޖެ އެވެ.

އެޑްގާޑޯ ބައުޒާ މިދިޔަ މަހު މަގާމުން ވަކިކޮށްފައިވީ ނަމަވެސް އާޖެންޓީނާ އިން މިހާތަނަށް އާ ކޯޗެއް ހަމަޖައްސާފައެއް ނުވެ އެވެ. ބައުޒާ ވަކިކުރީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ހަނިވެފައިވަނިކޮށެވެ. މާޗު މަހު ކޮލިފައިންގައި ބޮލިވިއާ އަތުންވި ބައްޔާ އެކު ދެކުނު އެމެރިކާ ކޮލިފައިން ތާވަލުގެ ފަސް ވަނަ އަށް އާޖެންޓީނާ ވަނީ ވެއްޓިފަ އެވެ. ދެކުނު އެމެރިކާ ފަޅިން ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

ސެވިއްޔާއާ އެކު ސަމްޕައޯލީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާއިރު އޭގެ ކުރިން ކޮންޓްރެކްޓް އުވާލެވޭނީ 1.5 މިލިއަން ޔޫރޯ ދައްކައިގެންނެވެ.

ޓަޕިއާ ވިދާޅުވީ އާޖެންޓީނާ އިން ގެންނަން ނިންމި ކޯޗުގެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އެއަށް އިހުތިރާމްކުރާ ކަމަށެވެ. އަދި އެކަމާ ކްލަބާ މަޝްވަރާކޮށް ކޮންޓްރެކްޓް އުވާލުމާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށެވެ.

ސަމްޕައޯލީ ވަނީ އާޖެންޓީނާ އިން އޮފާއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ސީޒަން ނިމުމުގެ ކުރިން އެކަމާ މަޝްވަރާނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އާޖެންޓީނާ އަށް އުފަން ސަމްޕައޯލީ ވަނީ ޗިލީ އަށް ކޯޗުކޮށްދީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ސެވިއްޔާ މިވަގުތު އޮތީ 68 ޕޮއިންޓާ އެކު ސްޕެނިޝް ލީގުގެ ހަތަރު ވަނައިގަ އެވެ.