ރައީސް ޔާމީން އެކަހެރިވެ، ވެރިކަން ކުރައްވަނީ ތަޖުރިބާ ނެތް ބަޔަކާ އެކު: އަދާލަތު
ރައީސް ޔާމީން އެކަހެރިވެ، ވެރިކަން ކުރައްވަނީ ތަޖުރިބާ ނެތް ބަޔަކާ އެކު: އަދާލަތު

ރައީސް އަބްދުﷲ ޔާމީން ސިޔާސީ ގޮތުން އެކަހެރިވެ، އެމަނިކުފާނު މިއަދު ވެރިކަން ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ސިޔާސީ ގޮތުން ތަޖުރިބާ ނެތް ބޭފުޅުންތަކަކާ އެކު ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދު ވަޅުޖެހި، މުޖުތަމައުގެ އަމާންކަން ގެއްލި، ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އުފާފާގަތިކަން ދަނީ ބީވަމުންނެވެ. އެކަމަކު، އަނިޔާވެރިކަން ތާއަބަދު ދެމިނޯންނާނެ ކަމަށާއި ވާދަވެރި ސިޔާސީ ލީޑަރުން ކުރައްވާ މަސައްކަތުގެ ސަބަބުން ގައުމު އަމާން އައްސޭރިއަކަށް ގެންދެވޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި، ވާދަވެރި ސިޔާސީ އެހެން ލީޑަރުން އެއް މޭޒު ދޮށަށް ގެންނަވަން ފެއްޓެވި މަސައްކަތަށް ދެ އަހަރު ފުރުނު އިރު، އިމްރާން ޖަލު ގޮޅީގައި ބަންދުކޮށްފައި ހުންނެވި ނަމަވެސް އެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަރައި ބޮޑެތި ކާމިޔާބީތަކާ ހަމަ އަށް ވާސިލްވެފައިވާ ކަމީ ނުހަނު ބޮޑަށް އުފާ ކުރާ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

"އެ ގޮތުން ރައީސް ޔާމީން ސިޔާސީ ގޮތުން އެކަހެރިވެ، ވެރިކަން ކުރާ ޕާޓީ ދެފަޅިވެ، އަމިއްލަ ކެބިނެޓް އެކި ގޮތްގޮތަށް ފުރޮޅެމުން ގޮސް ސިޔާސީ ގޮތުން ތަޖުރިބާ ނެތް އެތައް ބޭފުޅުންނާއެކު ވެރިކަން ކުރައްވަން ޖެހިފައިވުމަކީ މިއަދުގެ ސިޔާސީ ހަގީގަތެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީނަށް އޮތް ބޮޑު އަޣުލަބިއްޔަތު ގެއްލި، ސިމްޕަލް މެޖޯރިޓީ ނުހިފެހެއްޓި މަޖިލިހުގެ ކަންކަން ނިންމެވުމަށް ސަލާމަތީ ބާރުތަކުން މަޖިލިސް ކުރާ ގެ އަށް ވަދެ، މަޖިލިހުގެ މެމްބަރުން "ދަމާ ނެރެގެން" ނޫން ގޮތަކަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަންކަން ހާސިލްވަމުން ނުދާތަން ހާމަވެފައިވާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުންޏެވެ.

އަދާލަތު ޕާޓީން މީގެ ދެ އަހަރު ކުރިން 2015 ގައި މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް ބޭއްވި މުޒާހަރާ އަށް ދެ އަހަރު ފުރުނު އިރު، އެ ދުވަސް ފާހަގަވެގެން ދަނީ ރައްޔިތުންގެ އެތައް ހާސް ބަޔަކު ސުލްހަވެރިކަމާ އެކު މަގުމައްޗަށް ނުކުމެ، ސަރުކާރުގެ ސިޔާސަތުތަކަށް އިންކާރު ކުރި ދުވަހެއްގެ ގޮތުގައި ކަމަށް އެ ވެސް އެ ބަޔާނުގައި ބުންޏެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އެ ދުވަހުގެ މުޒާހަރާގައި އިމްރާން ހާމަކުރެއްވީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ކަމަށާއި އެކަން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.