އެމެރިކާ އިން ދަނީ ނިއުކްލިއާ ހަމަލާއެއް ދޭން މަޖްބޫރުކުރުވަމުން: ނޯތު ކޮރެއާ
އެމެރިކާ އިން ދަނީ ނިއުކްލިއާ ހަމަލާއެއް ދޭން މަޖްބޫރުކުރުވަމުން: ނޯތު ކޮރެއާ

ޕިއޮންޔޮން (މެއި 2) - ކޮރެއާ ސަރަހައްދުގައި ފެށި އަސްކަރީ ތަމްރީނުތަކުގައި އެމެރިކާގެ ބޮން އަޅާ ބޯޓުތަކުން ކޮރެއާ ސަރަހައްދުން ދުއްވުމަކީ ނިއުކްލިއާ ހަނގުރާމައަކަށް ގެންދަން މަޖްބޫރު ކުރުވުން ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ސައުތު ކޮރެއާއާ ގުޅިގެން އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު ކާލް ވިންސަން ވެސް ބައިވެރިވާ ތަމްރީނުތަކުގައި އިއްޔެ ވަނީ ބީ-1ބީ ބޮން އަޅާ ބޯޓުތަކުން ނޯތު ކޮރެއާ ސަރަހައްދުން ދަތުރުކޮށްފަ އެވެ. އެމެރިކާގެ ބޮން އަޅާ ބޯޓުތަކުން ދަތުރުކުރި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޯތު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަފާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ހޯމަ ދުވަހު އަސްކަރީ ތަމްރީނުތައް ބޭއްވީ ނޯތު ކޮރެއާގެ ބިރު ދެއްކުމުގެ އިންޒާރުތަކާ ގުޅިގެން ތައްޔާރީ ހާލަތެއްގައި ތިބުމަށް ކަމަށެވެ.

އެމެރިކާ ވައިގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ބޮން އަޅާ ބޯޓުތައް ގުއާމުން ދަތުރުކުރީ ސައުތު ކޮރެއާ އާއި ޖަޕާނުގެ ވައިގެ ސިފައިންނާ ގުޅިގެން ބާއްވާ ތަމްރީނުތަކުގައި ބައިވެރިވުމަށް ކަމަށެވެ. ނޯތު ކޮރެއާ އިން ބުނީ ބޮން އަޅާ ބޯޓުތަކުން ތަމްރީނު ކޮށްފައި ވަނީ ނިއުކްލިއާ ބޮން އަޅަން ކަމަށެވެ.

"އަސްކަރީ ގޮތުން ކުރާ ގޯނާތަކުން ކޮރެއާ ޕެނިންސުލާގެ ހާލަތު ނިއުކްލިއާ ހަނގުރާމައަކާ ގާތަށް ގެންދަން މަސައްކަތް ކުރޭ،" ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.