02 މެއި 2017 - 13:24

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން 16 ކުންފުންޏަކުން އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހައްޖަށް މީހުން ގެންދަން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް ފަހު، ހުއްދަ ދޭނީ ކުންފުނިތަކަކަށްތޯ ކަނޑައަޅާނެ އެވެ. ކުންފުނިތައް ހޮވުމަށް ފަހު، ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތަކާއި މާކްސް ލިބުނު ގޮތުގެ ތަފްސީލް އެ މިނިސްޓްރީގެ ވެބްސައިޓުގައި މިދިޔަ އަހަރު ވެސް އާއްމުކޮށްފައިވެ އެވެ.
ހައްޖަށް މީހުން ގެންދަން މިދިޔަ އަހަރު ހުއްދަ ދިނީ ފަސް ކުންފުންޏަކަށެވެ. ކޮންމެ ކުންފުންޏަކަށް ލިބުނީ 200 ޖާގަ އެވެ.
ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ހަތަރު އަހަރު ވެއްޖެ އެވެ.
ރާއްޖެ އަށް 2،000 ކޯޓާ ހަމަނުޖެހެނީސް، މިދިޔަ އަހަރު ކުންފުނިތަކަށް ޖާގަ ދިނީ އެ އަދަދަށް ޖާގަ ލިބޭނެ ކަމަށް ބަލައިގެންނެވެ. ފަހު ވަގުތު، މައްސަލަ ބޮޑުވެ، އެންމެ ފަހުން އިތުރު 1،000 ޖާގަ ލިބުނީ ރައީސް އަބްދުﷲ ޔާމީން، ސައުދީ ރަސްގެފާނު ސަލްމާބް ބިން އަބްދުލްއަޒީޒަށް ސިޓީ ފުޅެއް ފޮނުއްވައި ޖާގަ އަށް އެދިވަޑައިގަތުމުންނެވެ.