02 މެއި 2017 - 09:21

ވަޓްފޯޑް (މެއި 2) - އެމްރޭ ޗާންގެ ހިތްގައިމު ގޯލުން 1-0 އިން ވަޓްފޯޑް ބަލިކޮށް ލިވަޕޫލުން ރަށުން ބޭރުގައި މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މި މޮޅާ އެކު ގަދަ ހަތަރަކަށް ވަނުމަށް ލިވަޕޫލުން ވަނީ އަމިއްލަ ބާރު ދަމަހައްޓައިފަ އެވެ. ލީގުގައި ލިވަޕޫލަށް ބާކީ ތިން މެޗު އޮތްއިރު، އެ ޓީމު ތިން ވަނައިގައި އޮތީ 35 މެޗުން 69 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 34 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 34 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗު ފަށައިގެން ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ފިލިޕޭ ކޯޓީނިއޯ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ބަދަލުކުރަން ޖެހުމެވެ. ކޯޓީނިއޯގެ ބަދަލުގައި ކުޅެން އެރުވީ އަނިޔާއިން ރަނގަޅުވެ ރޭގެ މެޗަށް އެނބުރި އައި އެޑަމް ލަލާނާ އެވެ.
ލިވަޕޫލްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ ވެސް ލަލާނާ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާ ބޭރުން ލަލާނާ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިވަޕޫލުން ވަނީ މެޗުގެ ލީޑު ނަގައިފަ އެވެ.
އޭރިއާ ބޭރުން ލޫކަސް ލެއިވާ ނަގައިދިން ބޯޅަ ޗާން ވަނީ އޯވަހެޑް ކިކަކުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ސީޒަނުގައި ފެނިގެންދިޔަ އެންމެ ރީތީ އެއް ގޯލެވެ.
މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލްގެ ޑިވޮކް އޮރީގީ އަށް ހުސް ދެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ދެ ޝޮޓް ވަޓްފޯޑްގެ ކީޕަރު ހެރެޅިއޯ ގޯމޭސް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިއަލް ސްޓަރިޖް ފޮނުވާލި ހަމަލާ ވެސް ގޯމޭސް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވަޓްފޯޑުން ނަތީޖާ ހަމަހަަމަކުރުމާ ގާތަށް ޖެހިލި އެވެ. ލިވަޕޫލްގެ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ވަޓްފޯޑްގެ ސެބަސްޓިއަން ޕްރޮޑްލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި މޮޅާ އެކު އެ ޓީމަށް ގަދަ ހަތަރެއްގެ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ.
"މި މޮޅާ އެކު އަހަރެމެންނަށް ގަދަ ހަތަރެއް އަދި ޔަގީނެއް ނުވޭ. އެއީ ވާދަވެރި ޓީމުތައް މިއޮތީ ވިއްދާފައި. އެކަމަކު އެއް މެޗުގެ ޕްރެޝަރުން މި ސަލާމަތްވީ. ދެން ކުރިއަށް އޮތީ މިހާ އުނދަގޫވާނެ ތިން މެޗު. އަހަރެމެން މި މެޗުތަކަށް ނުކުންނާނީ ޕޮޒިޓިވް ޕްރެޝަރަކާ އެކު. އެއީ ވާދަވެރިންނަށް ވުރެ ކުރީގައި އޮތުމުން،" ކްލޮޕް ބުންޏެވެ.