01 މެއި 2017 - 21:21

މިދިޔަ މަހު ރިލީޒް ކުރި ފާސްޓް އެންޑް ފިއުރިއަސްގެ އަށް ވަނަ ފިލްމް "ފޭޓް އޮފް ދަ ފިއުރިއަސް" ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީ ފަހަނައަޅައި، ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި 30 ވަނަ ފިލްމުގެ ޝަރަފު ހޯދައިފި އެވެ.
އޭ ލިސްޓް ތަރިންނާ އެކު އެފް ގެރީ ގްރޭ ޑައިރެކްޓްކޮށްފައިވާ އެ ފިލްމް މިހާރު ވެސް އޮތީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ ޗާޓްގެ އެއް ވަނައިގަ އެވެ.
މި ފިލްމަކީ ޔުނިވާސަލް ޕިކްޗާސް އިން ގެނެސް ދިން ފިލްމްތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ ކްލަބުން ޖާގަ ހޯދި ހަތަރު ވަނަ ފިލްމެވެ.
މީގެ ކުރިން ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި ޔުނިވާސަލްގެ ފިލްމްތަކުގެ ތެރޭގައި ހިމެނެނީ 2015 ގައި ރިލީޒް ކުރި ޖުރަސިކް ވޯލްޑް (1.67 ބިލިއަން ޑޮލަރު) އާއި ފިއުރިއަސް 7 (1.52 ބިލިއަން ޑޮލަރު) އާއި ހަމަ އެ އަހަރު ރިލީޒް ކުރި އެނިމޭޓެޑް ފިލްމް މިނިއަންސް (1.16 ބިލިއަން ޑޮލަރު) ގެ އިތުރުން 1993 ގައި ރިލީޒް ކުރި ޖުރަސިކް ޕާކް (1.029 ބިލިއަން ޑޮލަރު) އެވެ.
ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދައި، މިދިޔަ މަހުގެ 4 ގައި ސިނަމާތަކަށް ގެނައި "ފޭޓް އޮފް ދަ ފިއުރިއަސް" ގެ އިތުރުން މި އަހަރުގެ މިހާތަނަށް ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދީ އެންމެ ފިލްމެކެވެ.
އެއީ ޑިޒްނީގެ "ބިއުޓީ އެންޑް ދަ ބީސްޓް" އެވެ. އުތުރު އެމެރިކާގެ ޗާޓްގެ ހަ ވަނާގައި އޮތް ފިިލްމަށް މިހާތަނަށް ވަނީ 1.143 ބިލިއަން ޑޮލަރު ލިބިފަ އެވެ.
"ފޭޓް އޮފް ދަ ފިއުރިއަސް" ދުވެލި ބޮކްސް އޮފީހުގައި މަތަ ނުވެ ކުރިއަށްދާ އިރު، މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިން ޑީޒެލް، ޑްވޭން ޖޯންސަން (ރޮކް)، ޗާލިޒް ތެރަން، ޖެސަން ސްޓެތަމް އަދި ކާޓް ރަސަލް ފަދަ ތަރިން ހިމެނެ އެވެ.