ސަލްމާންގެ "ޓިއުބުލައިޓް" ޕާކިސްތާނުގައި ރިލީޒް ކުރުމާ ދެކޮޅު ހަދަނީ
ސަލްމާންގެ "ޓިއުބުލައިޓް" ޕާކިސްތާނުގައި ރިލީޒް ކުރުމާ ދެކޮޅު ހަދަނީ

އަންނަ ކުޑަ އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ޓިއުބުލައިޓް" ޕާކިސްތާނުގައި ވެސް އެ ދުވަހު ރިލީޒްކުރުމަށް އެ ގައުމުގެ ފިލްމު އުފައްދާ ފަރާތްތަކުން ދެކޮޅު ހަދަން ފަށައިފި އެވެ.

ޕާކިސްތާނުގެ ފިލްމު ޑިސްޓްރިބިއުޝަން އޮތޯރިޓީ އާއި ފިލްމު ޕްރޮޑިއުސާސް އެސޯސިއޭޝަނުން ދަނީ މި ފިލްމު އީދުގައި ރިލީޒްކުރިޔަ ނުދޭން ވަރަށް މަސައްކަތް ކުރަމުންނެވެ. ސަބަބަކީ ޕާކިސްތާނުގެ ފިލްމު އުފައްދާ ފަރާތްތަކުން ވެސް އީދު ޗުއްޓީއާ ދިމާކޮށް ފިލްމުތައް ތައްޔާރުކޮށްފައި ވާތީ "ޓިއުބުލައިޓް" އަޅުވައިފި ނަމަ ޕާކިސްތާނު ފިލްމުތައް ބަލަން ދާނެ ބަޔަކު ނުވާނެތީ އެވެ.

ޕާކިސްތާނު ސަރުކާރުން މިކަމާ ފިޔަވަޅެއް އަޅައި ނުދީފި ނަމަ ކޯޓަށް ދާނެ ކަމަށް ވެސް އެ ގައުމުގެ ފިލްމު ޕްރޮޑިއުސަރުންނާއި ޑިސްޓްރިބިއުޓަރުން ދަނީ އިންޒާރު ދަމުންނެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "ޓިއުބުލައިޓް" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1961 ވަނަ އަހަރު ހިނގި ހަނގުރާމައެއްގެ ދުވަސްވަރު ޗައިނާ އަންހެންކުއްޖަކާއި އިންޑިއާ މީހަކާ ދެމެދު ހިނގި ލޯބީގެ ހާދިސާއަކަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ފުރަތަމަ އިޝްތިހާރު މޭ 4 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ސަލްމާން އާއި އޭނާގެ ކޮއްކޮ ސުހައިލް ޚާން ބަތަލުގެ ބައި ކުޅޭއިރު ބަތަލާ އަކީ ޗައިނާގެ ބަތަލާ އެއް ކަމަށްވާ ޒޫ ޒޫ އެވެ.