02 މެއި 2017 - 05:52

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފް ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސް ތަކެއް ވަންދެން އުޅުމަށްފަހު ރުޅިވީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން މި ދެ ތަރިން ވެސް އުޅެނީ ވަރަށް ދުރު ދުރުންނެވެ. އެހެންކަމުން މި ދެ ތަރިން އަތާ އަތް ގުޅާލައިގެން ތިއްބާ އަލުން ފެނިދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ.
ނަމަވެސް މި ދެ ތަރިން އެކުގައި ކުޅެމުންދާ "ޖައްގާ ޖާސޫސް" ނިންމާލި ދުވަހު ރަންބީރު އާއި ކެޓުރީނާ އަތާ އަތް ގުޅާލައިގެން ތިއްބާ ނަގާފައިވާ ފޮޓޯއެއް ޑައިރެކްޓަރު އަނުރާގު ބާސޫ ވަނީ ޓްވީޓްކޮށްފަ އެވެ.
އުފެއްދުމުގެ މަސައްކަތަށް ހަތަރު އަހަރު ވެފައިވާ "ޖައްގާ ޖާސޫސް" ނިންމާލެވިއްޖެކަން ޑައިރެކްޓަރު އިއުލާން ކުރީ ވަރަށް ޚާއްސަ ގޮތަކަށެވެ. އެއީ ރަންބީރު އާއި ކެޓުރީނާގެ ކުޑައިރުގެ ފޮޓޯއަކާއި އަތާ އަތްގުޅާލައިގެން ތިބެ ވަރަށް ފަހުން ނަގާފައިވާ ފޮޓޯއަކާ އެކު ކުރި ޓުވީޓަކުންނެވެ. އެ ފޮޓޯގައި ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ އެއީ "ޖައްގާ ޖާސޫސް" ފެށި ދުވަހާއި ނިންމާލި ދުވަހުގެ ފޮޓޯތަކެއް ކަމަށެވެ.
ކޮންމެއަކަސް ރަންބީރާއި ކެޓުރީނާ މިހާ ގާތްކޮށް ތިއްބާ ފެނުމުން އެމީހުންގެ ފޭނުން އުފަލުން ތަފާތު ޓުވީޓްތައް ކުރަމުން އެބަދެ އެވެ.
މީގެ ފަސް ވަރަކަށް ދުވަސް ކުރިން "ޖައްގާ ޖާސޫސް"ގެ ސެޓުގައި، އެ ފިލްމުގައި އުޅޭ އެކްޓަރެއް ކަމަށްވާ ސަޔާނީ ގުޕްތާއާ އެކު ރަންބީރާއި ކެޓުރީނާ ނަގާފައިވާ ސެލްފީއެއް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވި އެވެ. އަދި މި ފޮޓޯގައި ރަންބީރާއި ކެޓުރީނާ ހެވިފައި ތިބި ގޮތުން އެ ދެ މީހުން ވެސް މާޒީ ހަނދާން ނައްތާލަން ނިންމާފައިވާ ކަން ދޭހަވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ރަންބީރު ދެކެ އައިސްފައިވާ ރުޅީގައި، "ޖައްގާ ޖާސޫސް" ޕްރޮމޯޓްކުރުމުގެ މަސައްކަތަށް ކެޓުރީނާ ދެކޮޅު ހަދައިގެން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ތަންކޮޅެއް ކުރިން ވަނީ ފެތުރިފަ އެވެ. ނަމަވެސް މި ޚަބަރުތަކަކީ ދޮގުކަމަށް ކެޓުރީނާ ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
އަނުރާގް ބާސޫ ޑައިރެކްޓްކުރާ "ޖައްގާ ޖާސޫސް" އެންމެ ފަހުން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ފިލްމުގެ ބައެއް ބައިތައް ޝޫޓްކުރެވިފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން އަލުން އެ ބައިތައް ޝޫޓްކުރުމަށް ފިލްމު ލަސްކުރީ އެވެ. މިހާރު މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.