02 މެއި 2017 - 05:54

ޕްރަބާސް އާއި ރާނާ ދަގުބަތީގެ "ބަހޫބަލީ 2: ދަ ކޮންކްލޫޝަން" ޑޮމެސްޓިކް ބޮކްސް އޮފީހުގަ އާއި ބޭރު ގައުމުތަކުން ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މި ފިލްމަށް އިންޑިއާ އިން އެކަނިވެސް އެންމެ ދެ ދުވަހުގެ ތެރޭގައި 285 ކްރޯޑު (45 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. އަދި ބޭރުގެ މާކެޓްތަކުން ވެސް 100 ކްރޯޑު (15 މިލިއަން ޑޮލަރު) ލިބުނެވެ. އެހެންކަމުން މިހާރު "ބަހޫބަލީ 2" އަށް 385 ކްރޯޑު (60 މިލިއަން ޑޮލަރު) ލިބިއްޖެ އެވެ. އެއީ އެންމެ ދެ ދުވަހުގެ ތެރޭގަ އެވެ.
އިންޑިއާގައި މި ފިލްމު މިހާތަނަށް ހެދި ރެކޯޑްތަކަކީ ހިންދީ ފިލްމަކަށް ކައިރި މުސްތަގްބަލެއްގައި މުގުރާލެވިދާނެ ރެކޯޑްތަކެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެންމެ ދުވަހަކުން މި ފިލްމު 100 ކްރޯޑު (10 ބިލިއަން) އަށް ވުރެ ގިނައިން ހޯދާފައި ވާތީ އެވެ. މިހާރު ހިންދީ ފިލްމީ ތަރިންގެ ތެރެއިން އެންމެ ރަނގަޅު ފެށުން ލިބެނީ ސަލްމާން ޚާނާއި އާމިރު ޚާންގެ ފިލްމުތަކަށެވެ. ނަމަވެސް މި ދެ ތަރިންގެ ފިލްމަކަށް ވެސް ފުރަތަމަ ދުވަހު 50 ކްރޯޑު (5 ބިލިއަން) ވެސް ނުލިބެ އެވެ.
އެމެރިކާގެ ބޮކްސް އޮފީހުގެ ތިން ވަނައިގައި މި ވަގުތު އޮތީ "ބަހޫބަލީ 2" އެވެ. ފާއިތުވީ ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން އެކަނި ވެސް މި ފިލްމު ވަނީ 10 މިލިއަން ޑޮލަރު ހޯދާފަ އެވެ.
މި ފިލްމަކީ އިންޑިޔާގައި ވާހަކަ ދައްކާ ވަރަށް ގިނަ ބަސްތަކުން އުފައްދާފައިވާ ފިލްމެއް ނަަމަވެސް މި ފިލްމުގެ ހިންދީ ކޮޕީ ވެސް އަންނަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބުތައް ހޯދަމުންނެވެ. އެގޮތުން އެންމެ ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑު (10 ބިލިއަން ރުޕީސް) ހޯދާނެ ކަމަށް ޓްރޭޑް އެކްސްޕާޓުން ބުނެފައިވެ އެވެ. މިއީ ސަލްމާން ޚާން ފަދަ ތަރިއެއްގެ، މަދު ފިލްމަކަށް ނޫނީ ނުލިބޭ ވަރުގެ އަދަދެކެވެ.
މިހާ ބޮޑަށް މި ފިލްމު ބަލަން ގިނަ ބަޔަކު ޝައުގުވެރިވީ މީގެ ފުރަތަމަ ބައި ކުރިން ނުކުމެފައި ވުމާއި އެ ބައި ބެލި މީހުން ފިލްމުގެ ނިމޭ ބައި ވެސް ބަލަން ބޭނުންވާތީ ކަމަށް ބެލެވެ އެވެ. ސަބަބަކީ ފުރަތަމަ ބައި ނިމެނީ ފިލްމު ބަލާ މީހުންނާ ވަރަށް ބޮޑު ސުވާލެއް ކުރިމަތިކޮށްފައި ކަމަށް ވާތީ އެވެ. އެއީ ކަޓައްޕާ ބަހޫބަލީ މަރާލީ ކީއްވެތޯ އުފެއްދޭ ސުވާލެވެ. އެހެންކަމުން ފުރަތަމަ ފިލްމު ބެލި އެންމެން ވެސް އެ ސުވާލުގެ ޖަވާބު ހޯދުމަށް ކެތްތެރިކަމެއް ނެތި "ބަހޫބަލީ 2" އަށް އިންތިޒާރު ކުރަމުން ދިޔަ އެވެ.
އެ ސުވާލުގެ ޖަވާބާ ބެހޭ ގޮތުން އިންޑިއާގައި އާންމުން ވަނީ ބޮޑެތި ބަހުސްތައް ކޮށްފަ އެވެ.