01 މެއި 2017 - 16:29

މަދިޔަ ޕްރަދޭޝް (މެއި 1) - ފިރިމީހާ އަނިޔާވެރި ވެއްޖެ ނަމަ ރައްދު ހަމަލާ ދިނުމަށް ބެޓް ނުވަތަ މުގުރުތަކެއް އިންޑިއާގައި އަލަށް ކައިވެނި ކުރި އަންހެނުންތަކަކަށް ހަވާލުކޮށްފި އެވެ.

މަދިޔަ ޕްރަދޭޝްގައި ބޭއްވި 700 މީހުންގެ ކައިވެނީގެ ހަފުލާއެއްގައި އަންހެން ކުދިންނަށް ހަވާލު ކުރި ބެޓްތަކުގައި ވަނީ "މަސްތުވެގެން ހުރެ އަނިޔާވެރިވާ މީހުންނާ ދެކޮޅަށް ބޭނުން ކުރުމަށް" ލިޔެފަ އެވެ. މަދިޔަ ޕްރަދޭޝްގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ގޯޕާލް ބަރްގަވާ ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތައް ސަމާލު ކަމަށް ގެނައުމަށް އޭނާ ބޭނުންވާ ކަމަަށެވެ. އޭނާ ވަނީ ބެޓްތަކާ އެކު އަންހެނުންތަކެއް ތިބި ފޮޓޯއެއް ވެސް ފޭސްބުކްގައި ޝެއާ ކޮށްފަ އެވެ.
އޭއެފްޕީ އަށް ބަރްގަވާ ވިދާޅުވީ ރަށްފުށު ހިސާބުތަކުގައި އުޅޭ އަންހެނުންނަށް ލިބޭ އަނިޔާތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އަނބިންނަށް ގިނަ އަނިޔާ ލިބެނީ ފިރިން ރާބޯން ދެވި ހިފާ މަސްތުވުމުން ކަމަށް ވިދާޅުވި އެވެ. އަދި ގޭގައި ފޮރުވާފައި ހުންނަ ފައިސާކޮޅު ވެސް ރާ ބުއިމަށް ޚަރަދު ކުރާ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
"މި މުގުރަކީ އަންހެނުން ވެސް އަނިޔާވެރިވުމަށް ދިން އެއްޗެއް ނޫން. އެއީ އަނިޔާ އިން އެ މީހުން ސަލާމަތް ކުރަން ދިން އެއްޗެއް،" ބަރްގަވާ ވިދާޅުވި އެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ކަނަތާ ޕާޓީ (ބީޖޭޕީ) ގައި ހިމެނޭ ބަރްގަވާ ވިދާޅުވީ 10،000 މުގުރަށް އޭނާ އޯޑަރުކޮށްފައިވާ ކަމަށެވެ. ހަފުތާ ބަންދުގައި މަދިޔަ ޕްރަދޭޝްގައި އެއް ހަފުލާއެއްގައި ކައިވެނިކުރި 700 އަންހެނުންނަށް ބެޓް ހަވާލުކޮށްފައިވެ އެވެ.