01 މެއި 2017 - 15:00

ހުޅުލެ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގު ބޮޑުކުރަން ފެރީ ޚިދުމަތް ދޭ ފަރާތުން ނިންމީ ގަވާއިދާ ޚިލާފަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ކުރިން 10ރ. އަށް ހުޅުލެ އާއި މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 11ރ. އަށް ބޮޑުކުރަން ފެރީ އޮޕަރޭޓްކުރާ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ނިންމައި، އެކަން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތަށް ހަމަޖެއްސީ އަގުގެ ތެރޭގައި ޖީއެސްޓީ ހިމެނުމުން ކަމަށް އެ އިއުލާނުގައިވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައިވަނީ ފެރީ އޮޕަރޭޓްކުރާ ފަރާތުން އެގޮތަށް ނިންމީ އެ އޮތޯރިޓީ އާއި ސަރުކާރުގެ އެހެން އިދާރާއަކާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެއީ ހުއްދަ ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެ އޮތޯރިޓީން އަޅާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގު ކަނޑައެޅުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިންމާއެކެވެ.