ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށްފި
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށްފި

ކަތުމަންޑޫ (މެއި 1) - ވެރިކަން ކުރާ ކޯލީޝަނުގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީން ހުށަހެޅި މައްސަލައަކާ ގުޅިގެން ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ ދެ ޕާޓީން ހުށަހެޅީ އޭނާ ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބެލެވޭ ހުކުމްތައް އިއްވުމާއި ރިޔާސީ ބާރުގެ ތެރެއަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރާތީ ކަމަށް ބުނެ އެވެ. އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ 249 މެންބަރުންނަށް ވުރެ ގިނަ އިން ސޮއިކޮށްފަ އެވެ. މިއީ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމުގެ ތަހުގީގު ފެށުމަށް ބޭނުންވާ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ ގިނަ އަދަދެކެވެ. އުއްތަމަ ފަނޑިޔާރު ބަދަލު ކުރުމުގެ މަަސައްކަތް ފަށާފައި މިވަނީ ފުލުހުންގެ ވެރިއަކަށް ސަރުކާރުން ކަނޑައެޅި ފަރާތް ސުޕްރީމް ކޯޓުން ބަދަލުކޮށްފައި ވަނިކޮށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަން ކޮމިޓީއެއް އުފައްދާ ހިސާބުން މަގާމުގެ މަސްއޫލިއްޔަތުން އޭނާ އޮޓޮމެޓިކުން ސަސްޕެންޑްވާނެ އެވެ. އެއަށް ފަހު ކޮމިޓީގެ ނިންމުން ޕާލަމެންޓުގެ ވޯޓަކަށް ފޮނުވާނެ އެވެ. އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރެވޭނީ ޕާލަމެންޓުގެ ތިންބައި ކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކަރްކީ، 64، ހަމަޖެއްސީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އަދި އަންނަ ޖޫން މަހު އެކަމަނާ ރިޓަޔާ ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.