01 މެއި 2017 - 14:09

ޒިއުރިކް (މޭ 1) – ރިޝްވަތުގެ މައްސަލައަކާ ގުޅުން ހުރި ކަމަށް ކުރެވުނު ތުހުމަތުތައް ދޮގުކުރެއްވިތާ އެއް ދުވަސް ފަހުން ފީފާގެ ކައުންސިލް މެމްބަރުކަމުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހް އިސްތިއުފާ ދެއްވައިފި އެވެ.
ރިޝްވަތު ނެންގެވި ކަމަށް ކޯޓުގައި އެއްބަސްވެވަޑައިގެންނެވި ފީފާގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ މެމްބަރު ރިޗަޑް ލައިގެ ކޭހާ ގުޅުން ހުރި ކޯޓް ޑޮކިއުމެންޓުތައް އާއްމުކުރުމާ އެކު، އެ މައްސަލައާ ޝެއިޚް އަހުމަދާ ގުޅުވައިގެން މީޑިއާގައި ވާހަކަ ދެކެވުނެވެ.
އެ ލިޔެކިޔުންތަކުގައި ޝެއިޚް އަހުމަދުގެ ނަމެއް ނެތެވެ. އެކަމަކު ފީފާ އާއި ކުވޭތު ފުޓްބޯޅަ އެސޯސިއޭޝަން އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ހައި ރޭންކް އޮފިޝަލެއްގެ ގޮތުގައި، އެކަމާ ގުޅުން ހުރި މީހެއްގެ ވާހަކަ އޮތެވެ.
ގުއާމް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަދި މިވަގުތު ފީފާ އާއި އޭއެފްސީން ސަސްޕެންޑްކޮށްފައިވާ ލައި ވަނީ ރިޝްވަތުގެ ގޮތުގައި 950،000 އެމެރިކާ ޑޮލަރު ނެންގެވި ކަމަށް ބުރާސްފަތި ދުވަހު އެމެރިކާގެ ކޯޓެއްގައި އެއްބަސްވެވަޑައިގެންފަ އެވެ.
ޝެއިޚް އަހުމަދު ވަނީ އެއްވެސް ގޯހެއް ހައްދަވާފައިނުވާނެކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ. ޝެއިޚް އަހުމަދު ވިދާޅުވެފައިވާ ގޮތުގައި އޭނާއާ ގުޅުވައިގެން އެ ވާހަކަތައް މީޑިއާގައި ދެކެވުނުކަން އެނގޭ ކަމަށާއި އެފަދަ ތުހުމަތުތަކާ މެދު ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންފައިވާ ކަމަށެވެ.
އިސްތިއުފާ އިއުލާންކުރައްވައި ޝެއިޚް އަހުމަދު ފަހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ ވަކިވެވަޑައިގަންނަވަނީ އެއީ ފީފާ އަށް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށެވެ.
އަދި މި ތުހުމަތުތަކުން ސަލާމަތްވެވަޑައިގަތުމަށް، ކަމާބޭހެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށާއި ތުހުމަތުތަކާ ގުޅިގެން ބައިބައިންވުން އުފެދި އަދި ކުރިއަށް އޮތް އޭއެފްސީ އަދި ފީފާގެ ކޮންގްރެސްގެ ސަމާލުކަންގެއްލެން ބޭނުންނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ވަރަށް ރަނގަޅަށް ވިސްނެވުމަށް ފަހު އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަތީ ފީފާ ކައުންސިލް މެމްބަރުކަމުގެ ކެންޑިޑެސީ އަނބުރާ ގެނެސް އަދި މިވަގުތު ފުރަމުން އަންނަ ފުޓްބޯޅައިގެ ހުރިހާ މަގާމަކުން އިސްތިއުފާ ދިނުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ދެ އަހަރު ފީފާ ކައުންސިލާއި ފީފާ ރިފޯމް ކޮމިޓީ އަދި އޭއެފްސީގައި މަސައްކަތްކުރެވުމަކީ ލިބުނު ޝަރަފެއް ކަމަށާއި މި ތުހުމަތުތަކުން ސަލާމަތްވެވަޑައިގަތުމުން ފުޓްބޯޅަ އާއިލާ އަށް އަލުން ސަޕޯޓް ދެއްވަން ފަށްޓަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ދުނިޔޭގެ ކުޅިވަރުގެ ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ޝެއިޚް އަހުމަދު އަންނަނީ އެސޯސިއޭޝަން އޮފް ނޭޝަނަލް އޮލިމްޕިކް ކޮމިޓީސްގެ ރައީސްގެ މަގާމާއި ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމް ވެސް ފުރުއްވަމުންނެވެ. އޭނާ ވަނީ ކުވޭތުގެ ތެލާ ބެހޭ ވަޒީރުކަން ވެސް ކުރައްވައިފަ އެވެ.