ނުނިމި ހުރި ގިނަ މައްސަލަތަކަކީ އަހަރުނުވާ މައްސަލަތައް
ނުނިމި ހުރި ގިނަ މައްސަލަތަކަކީ އަހަރުނުވާ މައްސަލަތައް

ޝަރުއީ ދާއިރާގެ މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ބޮޑު ޕަސެންޓަކީ އަހަރުނުވާ މައްސަލަތައް ކަމަށް ޖުޑިޝަރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދެ މަސް ނިމުނު އިރު ކޯޓުތަކުގައި ހުރި މައްސަލަތަކުގެ 88 ޕަސެންޓަކީ ހުށަހެޅިތާ އެއް އަހަރު ނުވާ މައްސަލަތަކެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅައި ބަލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ނިމުނު އިރު ކޯޓުތަކުގައި އެއް އަހަރު ވެފައިވާ 1379 މައްސަލައެއް އޮތަސް މި އަހަރުގެ އެ މުއްދަތު ނިމުނުއިރު އޮތީ އެއް އަހަރުވެފައި އޮތް 961 މައްސަލަ އެވެ. އެ މުއްދަތުގައި 6019 މައްސަލައެއް ކޯޓުތަކަށް ހުށަހެޅި އިރު އޭގެ ތެރެއިން 4562 މައްސަލައެއް ވަނީ ނިންމައިފަ އެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 76 ޕަސެންޓް އެވެ.

މިއަހަރުގެ ފުރަތަމަ ދެ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބޮޑު ޕަސެންޓެއް ނިންމިޔަސް މިދިޔަ އަހަރާ އަޅައި ބަލާއިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު މި އަހަރު ވަނީ 22 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ކޯޓުތަކުގައި ހުރީ 6660 މައްސަލައެއް ކަމަށްވިޔަސް މިއަހަރުގެ އެ މުއްދަތު ނިމުނުއިރު 8093 މައްސަލައެއް ނުނިމި އެބައޮތެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހާ އަޅާ ބަލާއިރު މިއަހަރުގެ އެ މުއްދަތު ހުށަހެޅި މައްސަލަތައް ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ހުށަހެޅީ 5225 މައްސަލައެއް ކަމަށްވިޔަސް މިއަހަރު ވަނީ 6019 މައްސަލައެއް ހުށަހަޅައިފަ އެވެ.