22 އަހަރަށް ފަހު ޓޮޓެންހަމަށް ބޮޑު އުފަލެއް!
22 އަހަރަށް ފަހު ޓޮޓެންހަމަށް ބޮޑު އުފަލެއް!

ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވާދަވެރި އާސެނަލްގެ މައްޗަށް 2-0 އިން ހޯދި މޮޅާ އެކު ޓޮޓެންހަމަށް ވަނީ 22 އަހަރަށް ފަހު ބޮޑު އުފަލެއް ލިބިފަ އެވެ.

ޓޮޓެންހަމާއި އާސެނަލަކީ ލަންޑަންގެ އުތުރު ސަރަހައްދައް ނިސްބަތްވާ ދެ ޓީމެވެ. ޓޮޓެންހަމުން އެންމެ ފަހުން ލީގުގައި އާސެނަލަށް ވުރެން މަތިން ސީޒަނެއް ނިންމާލީ މީގެ 22 އަހަރު ކުރިންނެވެ. މިިދިޔަ ސީޒަނުގެ ބޮޑުބައި ޓޮޓެންހަމް އޮތީ ލީގުގައި އާސެނަލަށް ވުރެން މަތީގަ އެވެ. އެހެން ނަމަވެސް ސީޒަނުގެ ފަހު މެޗުތަކުގައި ނަތީޖާތަށް ދަށްވެ އާސެނަލް ވަނީ ފަހު ވަގުތު ޓޮޓެންހަމް ފަހަތަށް ޖައްސާލައިފަ އެވެ.

ރޭ އާސެނަލް އަތުން ޓޮޓެންހަމް މޮޅުވުމާ އެކު ސީޒަންގެ ބާކީ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އާސެނަލަށް ޓޮޓެންހަމާ ހަމައެއް ނުކުރެވޭނެ އެވެ. ޓޮޓެންހަމް މި ވަގުތު 34 މެޗުން 77 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގައި އޮތްއިރު، އާސެނަލް ލީގުގެ ހަ ވަނައިގައި އޮތީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމް އެންމެ ފަހުން އާސެނަލަށް ވުރެން މަތީގައި އޮވެ ލީގު ނިންމާލީ 1995 ވަނަ އަހަރު އެވެ. އެ ފަހަރު ޓޮޓެންހަމް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އާސެނަލް އޮތީ ލީގުގެ 12 ވަނައިގަ އެވެ.

ރޭގެ މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މިއީ އެ ޓީމުގެ ސަޕޯޓަރުން ދިގު އިންތިޒާރެއް ކުރަމުން އައި ކަމެއް ކަމަށެވެ.

"މިއީ ސަޕޯޓަރުންނަށް ހާއްސަ މޮޅެއް. މިއީ ވަރަށް ގިނަ ޒަމާންތަކަކަށް ފަހު ޓޮޓެންހަމް ސަޕޯޓަރުންނަށް ހަމަނިދި ނިދާލެވޭނެ ވެސް ދުވަހެއް. އަހަރެން ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސްދެން،" ޕޮޗެޓީނޯ ބުންޏެވެ.

އޭނާ ބުނީ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު އަދިވެސް ދޫކޮށްނުލާ ކަމަށެވެ.

ރޭގެ މެޗުން ލިބުނު މޮޅާ އެކު ޓޮޓެންހަމުން ވަނީ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެފަ އެވެ. އެ ޓީމުން މޮޅުވުމުގެ އެންމެ ރަނގަޅު ރެކޯޑެއް ހެދީ 1960 ވަނަ އަހަރުގަ އެވެ. އެ ފަހަރު އެ ޓީމުން ވަނީ ޖެހިޖެހިގެން 13 މެޗުން މޮޅުވެފަ އެވެ.

ޓޮޓެންހަމް އަތުން ބަލިވެ އާސެނަލުން ލީގުގެ ގަދަ ހަތަރަކަށް ވަންނަން ކުރަމުން އައި މަސައްކަތުގައި އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. އަދި އެ ޓީމުގެ ކޯޗު އާސެން ވެންގާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ލީގުގެ ގަދަ ހަތަރަކުން އާސެނަލަށް ޖާގަ ގެއްލިއްޖެނަމަ އަންނަ ސީޒަނުގައި ވެންގާ އަށް އިތުރު އެއްބަސްވުމެއް ނުދޭން އާސެނަލް ބޯޑުން ވަނީ ނިންމައިފަ އެވެ.