01 މެއި 2017 - 11:38

ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން މޮޅުވެ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީން ކަށަވަރުކުރުމުން އެ ޓީމަށް އެއް ފިޔަވަޅު ކުރިއަށް ދެވިއްޖެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމާލުމުން ޗެލްސީ އަށް މި އަހަރުގެ ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. ރޭގެ މެޗުން މޮޅުވުމާ އެކު ޗެލްސީ އަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވަނީ ޔަގީންވެފަ އެވެ.
"މިއީ އަހަރެންގެ އެއް ޓާގެޓް ހާސިލްވި ދުވަސް. އެއީ ޗެލްސީ އަލުން ޔޫރަޕަށް ގެންގޮސްދިނުމަށް. މިއީ އެކަމުގެ އުފާފާޅުކުރަންވީ ދުވަސް،" ކޮންޓޭ ބުންޏެވެ.
ރޭ ރަށުން ބޭރުގައި ޗެލްސީން ވަނީ 3-0 އިން އެވަޓަން ބަލިކޮށް ލީގުގެ އެއް ވަނަައިގައި ވަގުތީ ގޮތުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް އާސެނަލް އަތުން ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން މޮޅުވުމާ އެކު ޗެލްސީގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.
ލީގުގައި ބާކީ ޗެލްސީ އާއި ޓޮޓެންހަމަށް އޮތީ ހަތަރު މެޗެވެ. ޗެލްސީ އަށް 34 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. ދެ ވަނައިގައި ޓޮޓެންހަމް އޮތީ 34 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ.
ކޮންޓޭ ބުނީ އެވަޓަން އަތުން މޮޅުވުމަށް ފަހު އެ ޓީމުން އުފާފާޅުކުރީ ހަމައެކަނި އެ މެޗުން ހޯދުނު ކާމިޔާބީ ކަމަށެވެ.
"ވަރަށް ގިނަ ބަޔަކަށް ހީވެދާނެ އަހަރެމެން އެވަޓަން ބަލިކޮށްފައި އުފާފާޅުކުރީ ލީގު ލިބުމުގެ ކާމިޔާބީ ކަމަށް. އެހެނެއް ނޫން. މިއީ ހަމައެކަނި އެވަޓަންގެ މައްޗަށް ހޯދުނު އުނދަގޫ މޮޅުގެ އުފާ. އަހަރެން ޗެމްޕިއަންކަން ލިބުމުގެ އުފާފާޅުކުރަނީ ތަށި އުފުލާލުމަށް ފަހު،" ކުރިން ޔުވެންޓަސް އަށް އިޓަލިއަން ލީގު ހޯދައިދިން ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތް ކޮންމެ މެޗަކަށް ވެސް ނުކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"ލީގުގެ އެކި މަގާމުތަކުގައި ވެސް އެބައޮތް ވާދަވެރިކަން. ލީގު ޗެމްޕިއަންކަމަށާއި ގަދަ ހަތަރަކަށް ވުރެން ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރާ ޓީމުތަކުން ނުކުންނާނީ މަރުން ސަލާމަތްވުމަށް. އަހަރެން ދެކެނީ ދެން އޮތީ މުޅިން ވެސް ފައިނަލްތަކެއް ކަމަށް،" ކުރިއަށް ހުރި މެޗުތަކާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.
ދާދި ފަހުން ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ވަނީ އިޓަލިއަން ލީގުން މުސްތަގުބަލުގައި އަދިވެސް ފެންނާނެ ކަމަށް ބުނެފަ އެވެ. އިންޓަ އިން އަންނަ ސީޒަނަށް ކޮންޓޭ ގެންދަން މަސައްކަތް ކުރަމުން އަންނައިރު، ރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ މި ވަގުތު ސަމާލުކަން ހުރީ މި ސީޒަން ކާމިޔާބު ކަމާ އެކީ ނިންމާލުމަށް ކަމަށެވެ.
ޗެލްސީ ލީގުގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. މިޑްލްސްބަރާ ރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 2-2 އިން މެންޗެސްޓާ ސިޓީއާ އެއްވަރުކޮށްފަ އެވެ.