02 މެއި 2017 - 05:51

މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަރުން މި ފަހަރު ފެނުނު ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ގަޔާވި އެކަކީ އިބްރާހީމް ވަހީދު އުސްމާން (ބޮޑުބެ) އެވެ. ހާއްސަކޮށް އޭނާގެ މަޖާ ހަރަކާތްތައް ޝޯގެ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެވެ.

ގަދަ ފަހަކާ ހަމައިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ އައިޑޮލްއާ އަލްވަދާއު ކިޔަން ޖެހުނު އޭނާ ހުރީ މާޔޫސްވެފައެއް ނޫނެވެ. ސަބަބަކީ އެ ހިސާބަށް ދެވޭނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާތީ އާއި ކުރިއަށް އޮތް މަސައްކަތެވެ.

"އަސްލު ވަރަށް އުފާވި ގަދަ ފަހަކާ ހަމައަށް އާދެވުނީތީ. އެ ހިސާބަށް އާދެވުނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އަދި ވަރަށް ގިނަ ފޭނުންގެ ލޯތްބާއި ސަޕޯޓާ އެކު،" ށ. ކޮމަންޑު އަށް އުފަން، ބޮޑުބެ، 21 ބުންޏެވެ.
އެހެންވެ އޭނާ ދެކޭ ގޮތުގައި އައިޑޮލްގެ ދަތުރު ފިނާލޭއާ ވަރަށް ކައިރިކޮށްފައި ވަކިވުމަކީ އެއްގޮތަކަށް ވެސް ދެރަވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.
"އަހަރެން ދެކެނީ ޓޮޕް ފައިވްއާ ހަމައަށް އާދެވުމަކީ ވެސް ހަމަ މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރެވުން ކަހަލަ ކަމެކޭ،" އައިޑޮލްގެ ސްޓޭޖްމަތީގައި ލަވަ ކިޔަމުން، ވަރަށް މަޖާ އަދި ތަފާތު ނެށުމުގެ ސްޓެޕްތައް ދައްކާލުމުގައި ވެސް ދެވަނައެއް ނެތް ޒުވާނާ ބުންޏެވެ.
ބޮޑުބެގެ ފޭނުންނަށް އޭނާ ބުނަނީ ދެރަ ނުވުމަށެވެ.
"މި އަޑެއް ދެނެއް ގައިމު ވެސް ނުކެނޑޭނެ. މުޅި ރާއްޖެއަށް އަބަދު ވެސް އިވޭ އަޑަކަށް މި އަޑުވާނެ. ބޭނުން ވަނީ ރާއްޖޭގެ ކުޅަދާނަ ލަވަ ކިޔުންތެރިއަކަށް، އެ ހިސާބަށް ދާން ވަރަށް މަސައްކަތް ކުރާނަން،" ބޮޑުބެ ބުންޏެވެ. "އައިޑޮލްހެ ތަޖުރިބާއަކީ ކުރިއަށް ދާން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އޭގެ ބޭނުން އަބަދު ވެސް ހިފާނަން."
ރާއްޖޭގައި މިހާރު އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ހަބޭސް ބޮޑުބެރު ބޭންޑްގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ހަބޭސް ފިއުޝަންގެ އެއް ލީޑް ވޯކަލިސްޓަކީ ވެސް މިހާރު ބޮޑުބެ އެވެ. އެ ބޭންޑްގެ އަނެއް ވޯކަލިސްޓަކީ އައިޑޮލްގެ ގަދަ 16 އިން ކެޓި އަހުމަދު ސައްޔާހެވެ.
"ހަބޭސް އިން މިފުރުސަތު ދިން ކަމަށްޓަކައި މުޅި ބޭންޑަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ބޭންޑްގެ ވެރިޔާ އައްޔަ [އަލީ ޝިފާއު] ދިން ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނަން،" ބޮޑުބެ ބުންޏެވެ.
ހަބޭސްއާ އެކު ކުރިއަށް ދާން އަމާޒު ހިފާފައިވާ އިރު، އޭނާގެ މިއުޒިކީ ކެރިއަރު ބިނާ ކުރުމުގައި ހާސިލް ކުރަން ބޭނުންވާ ކަންކަން ވެސް އެބަ ހުއްޓެވެ. އެގޮތުން ވޯކަލް ޓްރޭނިން ހަދަން ވަނީ ނިންމައިފަ އެވެ.
ހަމައެއާ އެކު އަމިއްލަ ރާގުގެ ސޯލޯ އަލްބަމެއް އެހުންތެރިންނާ ހަމައަށް ގެނެސް ދިނުމުގެ ހުވަފެން ވެސް އޮތީ އެވެ.
"ރޯދައިގެ ފަހުން ވޯކަލް ޓްރޭނިންއަކަށް ރާއްޖޭން ބޭރަށް ދާނަން. މިއީ އަހަރެންގެ މެނޭޖަރުގެ ފަރާތުން ފަހިވި ފުރުސަތެއް. ދެން އެ ޓްރޭނިން ނިންމާލާފައި އަމިއްލަ ރާގުގެ ސޯލޯ އަލްބަމެއް ހަދަން ވެސް ވިސްނާފައި އެބަ އޮތް،" ބޮޑުބެ ބުންޏެވެ.